ލަންކާގެ ރެސިޑެންޓް ވިސާގެ އުސޫލު ހަރުކަށިކުރަން އެ ގައުމުން ނިންމައިފިއެވެ.

ލަންކާ އިން ހަރުކަށި ކުރި މި އުސޫލަށް މި މަހު 15 އިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ބުނެއެވެ. ފޮރިން މިނިސްޓްރީން ބުނީ ރެސިޑެންޓް ވިސާ ނެގުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާކަމަށެވެ. ނަމަވެސް، ރެސިޑެންް ވިސާ އަށް މި ބަދަލު ގެނަޔަސް އޮން އެރައިވަލް ވިސާ އަށް ބަދަލެއް ނުގެނެއެވެ.

ކުރިން އޮންނަނީ ލަންކާ އަށް ދާ ދިވެހިން ޓޫރިސްޓު ވިސާގައި، އެ ގައުމަށް އެތެރެވެ ލަންކާގައި ތިބެގެން އިމިގްރޭޝަނުން ރެސިޑެންޓް ވިސާ ނެގޭ ގޮތަށެވެ. ނަމަވެސް މިހާރު މި އުސޫލު ބަދަލު ކޮށް، ދިގު މުއްދަތަކަށް އެ ގައުމުގައި ތިބެން ބޭނުން ނަމަ އެތެރެވެވޭނީ ރާއްޖޭގައި ތިބެގެން ވިސާގެ ކަންކަން ފުރިހަމަ ކޮށްގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރެސިޑެންޓް ވިސާ އަށް މި ގެނައި ބަދަލުގެ އެއްވެސް އަސަރެއް، ލަންކާގައި މިހާރު ދިރިއުޅޭ ދިވެހިންނަށް ނުކުރާނެ ކަމަށެވެ. އަދި މި ވިސާގައި މިހާރު ތިބި މީހުންގެ ވިސާގެ މުއްދަތު ހަމަވުމުން ވެސް ލަންކާގައި ތިބެގެން ވިސާ އާ ކުރެވޭނެ ކަމަށެވެ.

ލަންކާ އިން މި އުސޫލުތައް ބަދަލު ކުރީ މިދިޔަ މަހު 21 ވަނަ ދުވަހު އެގައުމަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެންނެވެ. މި ހަމަލާތަކުގައި 250 އެއްހާ މީހުން މަރުވެފައިވާ އިރު، 400 އަށް ވުރެ ގިން މީހުން ޒަހަމް ވެފައިވެއެވެ.