ލ.ގަމުން 44 އަހަރުގެ މީހަކު ރަހީނު ކުރި މައްސަލައިގައި މީގެ ކުރިން ކައްދޫއިން މާމެންދޫއަށް ދަތުރު ކުރަނިކޮށް ޑިންގީ ބަންޑުން ޖަހާލައި ގެއްލުނު އާމިނަތު ޝިމާ ނާފިޒު އާ އެއްކޮށް ދަތުރުކުރި އިބްރާހިމް ފަޒީލް ހައްޔަރުކޮށްފިއެވެ.
މި މީހާ ރަހީނުކުރި މައްސަލައެއްގައި ފަޒީލް ހައްޔަރުކުރީ ރޭ ހުޅުމާލޭގައި ފިލައިގެން އުޅެނިކޮށް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ފަޒީލް އަކީ މި މައްސަލައިގައި ހައްޔަރު ކުރި ތިން ވަނަ މީހާކަމަަށެވެ. ފަޒީލްގެ އިތުރުން މި މައްސަލައިގައި ހިމެނޭ އިތުރު މީހަކު މިރޭ 19:37 ހާއިރު ލ.މަވަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަމުގައި 44 އަހަރުގެ މީހަކު ރަހީނުކޮށް އޭނާ އަށް ބިރު ދައްކާ ފައިސާ ހޯދަން އުޅުނީ މިމަހު ދެ ވަނަ ދުވަހެވެ. ފުލުހުން ބުނީ މި މީހާއަށް ތޫނު ހަތިޔާރުން ބިރު ދެއްކުމަށް ފަހު 8900 ރުފިޔާ ހޯދާފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައިގައި މި މީހާ އަތުން އިތުރު ފައިސާ ހޯދުމަށް އެދެމުން ދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިމަހު ތިން ވަނަ ދުވަހުގެ ރޭ 22:45 ހާއިރު 19 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މީހާ ހައްޔަރު ކުރީ 44 އަހަރުގެ މީހާ އަތުން ފައިސާ ހޯދުމަށް ގަމުގެ ޕްރޮވިންސް އޮފީސް ކައިރީގައި ހަރަކާތްތެރި ވަމުންދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ޕްރޮވިންސް އޮފީސް ކައިރީ ދެ މީހުން ހަރަކާތްތެރި ވަމުން ދިޔަ ކަމަށާއި އެކަކު ހައްޔަރު ކުރަން އުޅެނިކޮށް ދެން ހުރި މީހާ ސައިކަލުގައި ފިލާފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ފަޒީލަކީ ޝިމާ ގެއްލުނު މައްސަލައަށް ފަހު، ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅެނިކޮށް ހައްޔަރު ކޮށްފައިވާ މީހެކެވެ. އަދި މިހާރު ފަޒީލް ހައްޔަރު ކުރީ ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުނު މައްސަލައަށް ކޯޓުން ދިން މުއްދަތު ހަމަވުމަށްފަހު ދޫކޮށްލާފައި ވަނިކޮށެވެ.