އަވައްޓެރި ސްރީލަންކާގައި ޕައިލެޓް ކޯސް ހަދާ ދިވެހިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނސްޓްރީން ބުނެފިއެވެ.
ސްރީލަންކާގައި ޕައިލެޓް ކޯސް ހަދާ ދަރިވަރުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ އިރު މީގެތެރޭގައި ދިވެހިންވެސް ހިމެނެއެވެ. މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފޮރިން މިނސްޓްރީން ބުނީ މިހާރު ލަންކާގެ ހާލަތު އޮތް ގޮތުން މިފަދަ ދަތިތައް ދިމާވެދާނެ ކަމަށެވެ. އަދި މިފަދަ ދަތިތައް ހައްލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން މަސައްކަތް ކުރަމުންދާކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީން ވަނީ ލަންކާގައި އުޅޭ ހުރިހާ ދިވެހިން ވެސް ކަމާ ބެހޭ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.
މިދިޔަ މަހު 21 ވަނަ ދުވަހު ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އެ ގައުމުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން އެގައުމުގައި ޕައިލެޓްކަން ކިޔަވާ ކުދިންނަށް ހާއްސަ ކޮށްގެން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ބޭއްވެވި ބައްދަލުވުމެއްގައި ހާއްސަ ޝަރުތުތަކަކަށް އަލި އަޅުވާފައިވެއެވެ.
އެގޮތުން، ލަންކާގައި ޕައިލެޓްކަން ކިޔަވަމުންދާ ކުދިން މިހާރު ޓެސްޓް ފްލައިން ހަދަން ޖެހުނަސް ޓެސްޓް ފްލައިޓް އޮންނަ ދުވަހުގެ ދެތިން ހަފްތާ ކުރިން ރާއްޖެ އަދި ލަންކާގެ ނޭޝަނަލް އިންޓެލިޖެންސް ބިއުރޯ (އެންއައިބީ) ގެ ކްލިއަރެންސް ހޯދަން ޖެހޭ ކަމަށް ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެއެވެ.
ސްރީލަންކާގެ އެކި ހިސާބުތަކަށް އަމާޒުކޮށް މިދިޔަ މަހު ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ސްރީލަންކާގައި ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށްފައެވެ. ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގިނަ ބަޔަކު ގެންގޮސްފައިވެއެވެ.