ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ސީފުޑް އެކްސްޕޯގައި ރާއްޖެ ތަމްސީލުކުރުމަށް 11 ކުންފުންޏެއް ބައިވެރިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީއިން ބުނީ، ރާއްޖޭގެ ފަރާތުން މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަންގެ ބައެއް މެންބަރު ކުންފުނިތަކުން ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)، މޯލްޑިވްސް މެރިން ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް (އެމްއެމްޕީ)، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް އަދި އޯޝަން ހަންޓާ ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.
މީގެ އިތުރުން މި އެކްސްޕޯގައި ބައިވެރިވެފައިވާ ކުންފުނިތަކުގެ ތެރޭގައި ސީސްޕެއާ މޯލްޑިވްސް، ޔޫރޯ ގްލޯބަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، އޯޝަން ފްރެޝް ޕްރައިވެޓް ލިމިޓެޑް، އޯޝަން ސީފުޑް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ސޯޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.
މިއަދު ފަށައިގެން ކުރިއަށް ދާ މި އެކްސްޕޯ އޮންނަނީ ބެލްޖިއަމްގެ ބުރުސަލްސްގައެވެ. ދުނިޔޭގެ 78 ގައުމުން މި އެކްސްޕޯގައި ބައިވެރިވެފައިވާ އިރު ދުނިޔޭގެ ސީފުޑްގެ ވިޔަފާރީގައި ހަރަކާތްތެރިވާ 1990 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވެފައިވެއެވެ. މި އެކްސްޕޯ ހާއްސަ ކުރެވިފައިވަނީ މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ފުޅާކުރުމަށާއި މަސްވެރިކަމުގެ އިންޑަސްޓްރީއަށް ބޭނުންވާ ވަސީލަތްތައް އިސްތިހާރު ކުރުމަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިފަދަ އެކްސްޕޯ ތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ތަރައްގީކުރުމަށް އިތުރު ފުރުސަތުތަކެއް ލިބި ރާއްޖޭގެ މަހުގެ ވިޔަފާރި ފުޅާވެގެންދާނެ ކަމަށެވެ. އެ މިނިސްޓްރީން ބުނީ މިފަދަ އެކްސްޕޯތަކުގައި ރާއްޖެ ބައިވެރިވަނީ، ރާއްޖޭގެ އުފެއްދުންތައް އިސްތިހާރުކޮށް މާކެޓްކުރުމުގެ ފުރުސަތު ތަނަވަސްވެގެން މިދަނީ ދިވެހި މަސްވެރިން ބާނާ މަހަށް އެވަގުތަކު ދުނިޔޭގެ ބާޒާރުގައި ހުރި އަގު ލިއްބައިދިނުމަށް ސަރުކާރުން ކަނޑައަޅާފއިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް އިތުރު ފުރުސަތު ތަނަވަސްކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.
މިއަދު ފެށުނު މި އެކްސްޕޯ ކުރިއަށް ދާނީ އަންނަ ބްރާސްފަތި ދުވަހުގެ ނިޔަލަށެވެ.