ޕްރިސް ވޯޓާގެ ނަމުގައި މާފުށީ ޖަލުގައި ފެން ޕްލާންޓެއް ބަހައްޓައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން ހިންގާ ކޯޕަރޭޓިވްއެއް ކަމަށްވާ ޕްރިސްކޯ އާއި ފެނުގެ ހިދުމަތް ދޭ އަމިއްލަ ކުންފުންޏަކުން ގުޅިގެން ފެން ޕްލާންޓެއް ބެހެއްޓީ ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ބޯފެން ފޯރުކޮށްދޭން ކުރަން ޖެހޭ ހަރަދު ކުޑަކުރުމަށް ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ މިއަދު ހުޅުވާދެއްވި މި ފެން ޕްލާންޓް ބެހެއްޓީ އަލަށް އުފެއްދި ފެން ކުންފުންޏަކުންނެވެ. ޕްރިސް ވޯޓާގައި 70 ޕަސެންޓް ހިއްސާ މި އަމިއްލަ ކުންފުނީގައި އޮންނަ އިރު، އަނެއް 30 ޕަސެންޓް ހިއްސާ އޮންނަނީ ޕްރިސްކޯގައެވެ.

ގައިދީންނަށް ކުރިން ސާފު ބޯފެން ފޯރުކޮށްދެމުން އައީ ފެން ޓަނަކަށް 420 ރުފިޔާގެ ރޭޓުން ހަރަދުކޮށްގެންނެވެ. އެގޮތުން، ގައިދީންނަށް ސާފު ބޯފެން ދޭން ދުވާލަކަށް 84،000 ރުފިޔާ (މަހަކު 2.6 މިލިއަން) ކުރިން ހަރަދުވެއެވެ. ނަމަވެސް ޕްރިސްކޯ ބައިވެރިވެގެން އަލަށް ހުޅުވި މި ފެން ޕްލާންޓުން ފެން ޓަނަކަށް ހަރަދުވާނީ 120 ރުފިޔާއެވެ. އެއީ ދުވާލެއްގެ މައްޗަށް ޖަލުގެ ފެނަށް ކުރާ ހޭދަ 24،000 ރުފިޔާ އަށް ދަށްވާނެ ކަމެކެވެ. ފެން ޕްލާންޓާ އެކު މިހާރު މަހަކަށް އެވްރެޖްކޮށް ހޭދަވާނީ 744،000 ރުފިޔާއެވެ. ގައިދީންގެ ބޯފެނަށް ދައުލަތުން އަހަރަކު ކުރަމުން އައި 31.2 މިލިޔަން ރުފިޔާގެ ހޭދަ، އާ ފެން ޕްލާންޓާ އެކު ގާތްގަނޑަކަށް ތިން މިލިޔަން ރުފިޔާ އަށް ދަށްވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.