ގައުމަކަށް އެންމެ މުހިންމު ވާނީ ތައުލީމީ ޖީލެއް އުފެދިގެން ދިޔުންކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ސައިރިކްސް ކޮލެޖުގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ އަދުގެ ސަރުކާރުން ރާއްޖޭގައި ތައުލީމީ ގާބިލް ޖީލެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

މި ހަފްލާގައި ވާހަކަ ފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ދަސްވެނީންނަށް ލިބުނު ފިލާވަޅުތަކާ އެއްވަރަށް ބުއްދީގެ ވިސްނުން ތަރައްގީކުރުމަށާއި، ދަސްވެނީންނަށް ލިބުނު އިލްމާއި ހުނަރުގެ ބޭނުން ގައުމަށް އެންމެ ފައިދާހުރި ގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާފައެވެ.

ނައިބު ރައީސް ވިދާޅުވީ، ދިވެހީންގެ ތެރޭގައި ކިޔަވައިގެން، ތިބި މީހުން ގިނަ ނަމަވެސް، މިއަދު އިތުރަށް ބޭނުންވެގެން މިއުޅެނީ ލިބިފައިވާ ތައުލީމާ އެއްވަރަށް ރިވެތި އަހްލާގާއި، އިންސާނިއްޔަތުކަން ހުރި މީހުންކަމަށާއި ނެތިގެން މިއުޅެނީ ލިބިފައިވާ އިލްމާ އެއްވަރަށް ހިކުމަތްތެރިކަމާއެކު މަސައްކަތްކުރާނެ ގާބިލު ބައެއްކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ރޭ ދަސްވެނިވި ދަރިވަރުން ގައުމުގައި ހިނގާ ކަންކަމާ ދޭތެރޭ ވިސްނާ ބަޔަކަށް ވުމަށާއި، އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރެއްވުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން، ނައިބު ރައީސްގެ ވާހަކަ ފުޅުގައި ސައިރިކްސް ކޮލެޖަކީ، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ވަރަށް މުހިންމު މަރުކަޒެއްކަމަށާއި، ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި 23,000 އަށްވުރެ ގިނަ ދަރިވަރުން ސައިރިކްސް ކޮލެޖުގެ ހިޔާގެދަށުން ދަސްވެނިވެގެން ދިއުމަކީ ފާހަގަކުރަން ޖެހޭ ކަމެއްކަމުގައި ވިދާޅުވިއެވެ.