ރާއްޖެއިން ފިލައިގެން ގޮސް އުޅެމުންދާ ސީލައިފްގެ އެމްޑީ މުހައްމަދު އަހުމަދު މޫސާ (އަންމަޓީ) ހޯދުމަށް ލަންކާގައި ޕޯސްޓަރު ހިއްޕަން ފަށައިފިއެވެ. އޭނާ ހޯދުމަށް އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ވަނީ ރެޑް ނޯޓިސް ނެރެފައެވެ.

އޭނައަކީ ހުޅުމާލޭގައި ފްލެޓް ދޭނެ ކަމަށް ބުނެ 280 އަށްވުރެ ގިނަ މީހުން އަތުން ފައިސާ ނަގައިފައިވާ މީހެކެވެ.

މި މައްސަލައާ ގުޅިގެން އޭނާ ފައިސާ ނަގާފައިވާ ފަރާތްތަކުން އިއްޔެ ވަނީ ހުޅުމާލޭގައި މުޒާހަރާކޮށްފައެވެ. މި އެއްވުމުގައި އެ ފަރާތްތަކުން ވަނީ އިންސާފު ހޯދައިދިނުމަށް ގޮވާލައިފައެވެ.

ސީލައިފުން ވަނީ ހުޅުމާލޭގައި 3000 އެޕާޓްމެންޓު ގާއިމް ކުރުމަށް އިއުލާންކޮށް 280 މީހުންގެ އަތުން 50،000 ރުފިޔާ ނަގާފައެވެ. އެގޮތުން ޖުމްލަ 14 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ އާންމުންގެ އަތުން ނަގާފައެވެ. މި މައްސަލަ ދަނީ ކަމާބެހެ ފަރާތަތަކުން ބަލަމުންނެވެ.