އައި.ޖީ.އެމް.އެޗް ގެ އޮޕަރޭޝަން ތިއޭޓަރަށް ފެން ލީކުވުމުގެ ސަބަބުން އެއްވެސް ސާޖަރީއެއް ކެންސަލް ކޮށްފައި ނުވާނޭ ކަމަށް އައި.ޖީ.އެމް.އެޗުން ބުނެފިއެވެ.

ދަ ޕްރެސް އަށް މައުލޫމާތު ދެއްވަމުން އައި.ޖީ.އެމް.އެޗް ގެ މީޑިއާ އޮފިޝަލަކު ބުނީ މިއަދު ހެނދުނު އޭސީ އަށް ދިމާވި މައްސަލަޔަކުން އޮޕަރޭޝަން ތިއޭޓަރަށް ފެން ފޭބި ނަމަވެސް ދިގު މުއްދަތަކަށް އެއްވެސް ސާޖަރީއެއް ކެންސަލް ކޮށްލާފައި ނުވާނޭ ކަމަށެވެ. މިފަދަ މައްސަލަޔަކާ ގުޅިގެން ކުޑަ ވަގުތުކޮޅަކަށް ސާޖަރީ ލަސްވެފައި ވެދާނޭ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި އަމިއްލަ ފަރާތަކުން ވަނީ އައި.ޖީ.އެމް.އެޗް ގެ އޮޕަރޭޝަން ތިއޭޓަރަށް ފެން ފެއިބުމުގެ ސަބަބުން ސާޖަރީ ނުހެދުމުގެ ސަބަބުން އަމިއްލަޔަށް ފަރުވާ ކުރުމަށް ބުނެ އުމުރުން 90 އަހަރުން މަތީގެ ބަލި މީހެއް ޑިސްޗާޖް ކޮށްލައިފައި ވާކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ. މިކަމާ ގުޅޭގޮތުން އައި.ޖީ.އެމް.އެޗުން ބުނީ މިފަދަ އެއްވެސް ޝަކުވާއެއް މިހާތަނަށް އައިސްފައި ނުވާ ކަމަށާ މިފަދަ ކަމެއް ދިމާވި ކަމުގެ މައުލޫމާތެއް އެފަރާތައް ލިބިފައި ނުވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން އެފަރާތުން ބުނީ މިހާރު ބަލިމީހާ އަމިއްލަޔަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލް ކުރުމުގެ މަސަތްކަތް ކުރަމުން ދާ ކަމަށެވެ.

އައި.ޖީ.އެމް.އެޗް ގެ އޭސީ ތަކުން ފެން ފޭބުމުގެ ސަބަބުން ބައެއް އޭސީތައް ބޭނުން ކުރުންވެސް ވަނީ މެދުކަނޑާލައިފައެވެ. މިކަމާ އާންމުން ދަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ތަކުގައި ނުރުހުން ފާޅުކުރަމުންނެވެ. އައި.ޖީ.އެމް.އެޗް ގެ އޭސީތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސަތްކަތް ކުރަމުން ދާ ކަމަށް އައި.ޖީ.އެމް.އެޗް އިން ބުނެއެވެ.