ސީއެސްސީ އިން ބަލަމުންދާ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާ ހަމީދު ފަތުހުﷲ އަދިވެސް ހުންނެވީ ސަސްޕެންޝަންގައި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ސީއެސްސީ އިން ބަލަމުންދާ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިވަނީ ދެ ބޭފުޅަކު ކަމަށާ އެއީ އިމިގްރޭޝަންގެ އެސިސްޓެންޓް ކޮންޓްރޯލާ އަބްދުﷲ ވަހީދާއި ޒިންމާދާރު ވެރިޔާ ހަމީދު ފަތުހުﷲ ކަމަށެވެ. ނަމަވެސް މިހާރު އެސިސްޓެންޓް ކޮންޓްރޯލާ އަބްދުﷲ ވަހީދުގެ ސަސްޕެންޝަން އުވާލައިފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އެންމެ ފުރަތަމަ ދެ ބޭފުޅުންވެސް ސަސްޕެންޑް ކޮށްފައިވަނީ އެއް މަސް ދުވަހަށް ކަމަށާ، ނަމަވެސް އަބްދުﷲ ވަހީދުގެ ސަސްޕެންޝަން އުވާލައިފައި ވީ ނަމަވެސް ޒިންމާދާރު ވެރިޔާ ހަމީދު ފަތުހުﷲ ވަނީ ސީއެސްސީގެ ތަހުގީގު ނިމެންދެއް ސަސްޕެންޑް ކޮށްފައެވެ.

މިހާރުގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ވަނީ ގަވައިދާ ހިލާފަށް ބިދޭސީން އުޅޭ މައްސަލަ އިތުރުވުމުގައި އިމިގްރޭޝަނުން އިހުމާލުވެފައިވާ ކަމަށާ އެފަދަ ކޮރަޕްޝަނުގެ އަމަލުތައް ހިންގި މުވައްޒަފުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.