މިނިވަން ނޫސްވެރިކަމަކީ ފުރިހަމަ ޑިމޮކްރަސީއެއްގެ މުހިންމު އެއް އަސާސް ކަމަށާއި، ހަގީގަތަކީ މިނިވަން ނޫސްވެރިކަމަކާ ނުލާ ގައުމަކަށް ދިރުމެއް އަދި ހަމަޖެހުމެއްވެސް ނާންނާނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ނެޝަނަލް އާޓް ގެލަރީގައި ބޭއްވި ހަފްލާ ޝަރަފުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ނޫސްވެރިކަމުގެ މަސައްކަތްތުގައި ވީހާވެސް ތެދުވެރިކަމާއެކު ސައްހަ މައުލޫމާތު ފެތުރުމުގައި ދެމިތިބުމަށް ނައިބު ރައީސް ވަނީ ގޮވާލައްވާފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވޭތުވެދިޔަ އަހަރުތަކަކީ ނޫސްވެރިކަމުގެ މާހައުލަށް އައި ކަޅު އަނދިރި ދުވަސްތަކެއް ކަމަށާއި، އަދި ރާއްޖޭގެ ނޫސްވެރިން ނޫސްވެރިކަމުގެ ޒިންމާ އަދާކުރަމުން ދިޔައީ ވަރަށް ގިނަ ގޮންޖެހުންތަކަކާއިއެކު، ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައިކަން ފާހަގަކުރެއްވެވިއެވެ. ނަމަވެސް މި ބިރުވެރިކަމުގެ ތެރޭގައިވެސް ދިވެހި ނޫސްވެރިން ވަރަށް ސާބިތުކަމާއެކު އެބޭފުޅުންގެ މަސްއޫލިއްޔަތު ވަރަށް ފުރިހަމަޔަށް އަދާކުރިކަން ފާހަގަ ކުރައްވާ އެކަމަށްޓަކައި ރާއްޖޭގެ އެންމެހައި ނޫސްވެރިންނަށް ނައިބު ރައީސް ޝުކުރު ދެންނެވިއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، މީޑިއާ ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މި ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ ނޫސްވެރިކަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ އަބުރުގެ ގާނޫނު އުވައިލައްވައި ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން އަލުން އިޢާދަކޮށްދެއްވުންކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ދުނިޔޭގެ ގައުމު ތަކުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަޑު ވަޒަންކޮށް ކަނޑައަޅާ "ރިޕޯޓާސް ވިތައުޓް ބޯޑާސްގެ" ޕްރެސް ފްރީޑަމް އިންޑެކްސްއިން ދިވެހިރާއްޖެ ހޯދި ކުރިއެރުމުން އެކަނިވެސް މި ސަރުކާރު އައި ފަހުން ނޫސްވެރިކަމަށް އައި ފަހި މާހައުލު ރަމްޒުކޮށްދޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާނާއި ވަރަށް އިހާނެތިގޮތަކަށް މަރާލާފައިވާ އިންޓަނެޓް ބްލޮގާ ޔާމީން ރަޝީދުގެ ހަނދާން އާ ކުރަން ޖެހޭކަމަށާއި، އެ ދެ ނޫސްވެރިން ވަކިވެދިއުމަކީ، ދިވެހި ނޫސްވެރިންގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްކަމުގައި ސިފަކުރެއްވެވިއެވެ. އަދި އުންމީދުކުރައްވަނީ، އިންސާނިއްޔަތުކަމެއްނެތި ހިންގާފައިވާ އެ ދެ ޖަރީމާގެ ހަގީގީ ކުށްވެރިން ހޯދައި، އެކަމުގެ ހަގީގަތް ވީހާވެސް އަވަހަކަށް ހާމަކުރެވޭނެ ދުވަހެއް އައުން ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.