ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ބާޖަކުން ޖެހި ދޯންޏެއްގެ މައްޔާ ބިންދައިގެން ހިނގައްޖެއެވެ.

މިއަދު ހެނދުނު 6:30 ހާއިރު މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ވެމްކޯ ބާޖުތައް ކައިރިކުރާ ޖެޓީ ކައިރިންނެވެ. މި ހާދިސާ ހިނގާފައި ވަނީ މި ޖެޓީ ގައި އަޅާފައި އޮތް ދޯންޏެއްގައި ވެމްކޯގެ ބާޖުން ޖެހި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ވެމްކޯގެ ބާޖުން ޖެހިފައިވަނީ ދޯނީގެ ކުރީކޮޅު މައްޔަލުގައި ކަމަށެވެ.

ވެމްކޯގެ ކުނި ބާޖުން ޖެހި މައްޔާ ބިންދައިގެން ދިޔަ ދޯނި / ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސަސް

ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވެމްކޯގެ ވެހިކަލްތައް ބާރަށް ދުއްވަމުންދާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި ވެހިކަލްތައް ބާރަށް ދުއްވަމުންދާ މައްސަލައާ ގުޅިގެން ވެމްކޯ އިން ބުނީ އެ މައްސަލަ ބަލަމުން ދާކަމަށާއި އެކަން ބެލުމަށް އިންޓާނަލް އޮޑިޓެއް އުފެއްދުމުގެ މަސަތްކަތް މިހާރު ކުރަމުން ދާކަމަށާ ކަމަށެވެ. އަދި ވެހިކަލްތައް ބާރަށް ދުއްވާ ވެމްކޯގެ ވެހިކަލްތަކުގެ މައުލޫމާތު އިންޓާނަލް އޮޑިޓް މެދުވެރިކޮށް ލިބޭނެ ކަމަށާ ބާރަށް ދުއްވާ ވެމްކޯގެ ޑްރައިވަރުންނާ މެދު ފިޔަވަޅު އަޅާނެކަމަށެވެ.

އާންމުންގެ ފާޑު ކިއުން ވެމްކޯއަށް އަމާޒު ވެފައި ވާއިރު، މާލޭގެ މަގެއްގައި ބާރު ސްޕީޑުގައި ވެމްކޯގެ ވެހިކަލެއް ދުއްވި މަންޒަރު ފެންނަ ވީޑިއޯއެއް ދާދި ފަހުން އާންމުވެފައިވެއެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި ވެމްކޯގެ ވެހިކަލް ދުއްވާފައިވަނީ ގިނަ ބަޔަކު ބޭނުންކުރާ ބޮޑުތަކުރުފާނު މަގުގައެވެ.