އެމެރިކާގެ ރައްޔިތުން ދިވެހިރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ގޮވާލައި، އެމެރިކާގެ އެމްބަސީއިން ނެރުނު ޓްރެވެލް އެޑްވައިޒަރީ މުރާޖައާ ކުރުމަށް ފަހު އަނެއްކާވެސް ހަމަ އެ ގިންތީގައި ދިވެހިރާއްޖެ ލިސްޓުކޮށް އާ ޓްރެވެލް އެޑްވައިޒަރީއެއް އާންމުކޮށްފިއެވެ.

ފުރަތަމަ ނެރުނު ޓްރެވެލް އެޑްވައިޒަރީގައި ކަނޑައެޅިގެން ދޮގު މައުލޫމާތުތަކެއް ހިމަނާފައި ވާއިރު އެކަންކަން އިސްލާހުކޮށް، ދެވަނަ ޓްރެވެލް އެޑްވައިޒަރީ އާންމު ކުރިއިރުވެސް ރާއްޖެ އޮތީ 2 ވަނަ ކެޓަގަރީގައެވެ. 2 ވަނަ ކެޓަގަރީއަކީ އެ ކެޓެގަރީގައި ހިމެނޭ ގައުމުތަކަށް ދަތުރުކުރާއިރު، ދަތުރުކުރާ ފަސެންޖަރުން އެކަމަށް ސަމާލުވާން ޖެހޭ ކެޓަގަރީއެކެވެ.

އެމެރިކާގެ ޚާރިޖިއްޔާއާ ހަވާލާދީ އެމްބަސީއިން އާންމުކުރި ޓްރެވެލް އެޑްވައިޒަރީގައި ބުނެފައިވަނީ ކުޑަ ނުވަތަ އެއްވެސް ވަރެއްގެ އިންޒާރަކާ ނުލާ ޓެރަރިސްޓުން ހަމަލާ ރާއްޖެއަށް އަމާޒުވެދާނެ ކަމަށެވެ. މި ހަމަލާތަކަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލްތަކާ، ދަތުރުފަތުރުގެ މަރުކަޒުތަކާ، ވިޔަފާރި މަރުކަޒުތަކާ ސަރުކާރުގެ އިދާރާތަކާ ވުޒާރާތަކަށްވެސް އަމާޒުވެދާނެ ހަމަލާތަކެއް ކަމަށް އެމެރިކާގެ އެޑްވައިޒަރީގައި ވަނީ ބަޔާންކޮށްފައެވެ. އަދި ވަކިވަކި ރަށްރަށުގައިވެސް މިފަދަ ހަމަލާތަކެއް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށާ، ކަން އެހެން ވެއްޖެ ނަމަ، ކަމާ ބެހޭ ފަރާތްތަކުން އެހިސާބުގައި ހަރަކާތްތެރި ކުރުވުމުގައި ލަސްތަކެއް ކުރިމަތިވެދާނެ ހާލަތެއް ކަމަށްވެސް އެމެރިކާގެ އެޑްވައިޒަރީގައި ވަނީ އިންޒާރު ކޮށްފައެވެ.

މި ޓްރެވެލް އެޑްވައިޒަރީއާއެކު އެމެރިކާގެ އެމްބަސީއިން ކުރި ޓްވީޓް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ރީޓްވީޓުވެސް ކުރައްވާފައެވެ.