ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލައިގައި ދައުލަތުގެ އިހުމާލު އޮތްކަމަށް އަދީބުގެ ވަކީލު ވިދާޅުވެއްޖެއެވެ.

އަދީބުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ވަގުތީ އަމުރަށް އެދުމުގައި ފާހަގަ ކޮށްފަ ހުރި ނުކުތާތަކާ ބެހޭގޮތުން ލިޔެކިއުމުން ދައުލަތުން ވަރަށް ބޮޑަށް އިންކާރުކޮށް ވާހަކަ ދެއްކި ކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި މި މައްސަލައާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުގެ ބޭފުޅުން ކޯޓަށް ހާޒިރުކޮށްފައިވަނީ މައްސަލައިގައި އިހުމާލުތަކެއް ހުރިކަން ހައި ކޯޓުގެ ފަނޑިޔާރުން ފާހަގަ ކުރެވުމާ ގުޅިގެން ކަމަށެވެ.

މި ހާޒިރުކުރުމުން ފާހަގަވި ކަންތައްތަކުގެ ތެރޭގައި އަދީބު ބަހައްޓާފައިވާ ގޮޅީގައި ކުޑަކުއްޖަކާ ބެހުމުގެ ހުކުމެއް އެމީހާގެ މައްޗަށް ސާބިތުވެފައިވާ އުމުރުން 60 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހެއް، އަދީބުއަށް ކަމެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަހައްޓާފައިވާކަން އަދީބުގެ ވަކީލު ވަނީ ފާހަގަ ކޮށްފައެވެ. އޭނާ ވިދާޅުވީ ދައުލަތުން އަދީބުއަށް ކަމެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދޭން ބަހައްޓާފައި ހުރި މީހާއަށް އަދީބުއަށް އެހީތެރިކަމެއް ފޯރުކޮށް ނުދެވޭނެ ކަން މިވަނީ ގޮޅިތެރެއަށް ވެއްޓި އަނިޔާވި ދުވަހު އެނގިގެން ގޮސްފައި ކަމަށެވެ.

މީގެ އިތުރުން ވަކީލު ވަނީ އަދީބު ހުންނަން ވާނީ މި މައްސަލައިގައި، އެކަށީގެންވާ ފެމިލީ އެންވަރަމެންޓެއްގައި ކަމަށް ބަޔާންކޮށް ކޯޓުން ވަގުތީ އަމުރެއް ނެރެދީފައި އޮންނަ ކަން ފަހަގަ ކުރައްވާފައެވެ. މި ވަގުތީ އަމުރަށް އެދިފައިވާނީ ހައި ކޯޓުގައި، އަދީބުގެ މެޑިކަލް ކަންތައްތަކުގައި، ދައުލަތުގެ ފަރާތުން އިހުމާލު ވަމުން ވަމުން ގޮސް އެއްރެއަކު ކުއްލިއަކަށް ގޮޅިއަށް ވެއްޓި ވަޑައިގެން، ނިއްކުރި ފަޅައިގެން ދިޔަ ހާދިސާއާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހައިކޯޓުން ވަގުތީ އަމުރު ނެރުނީ މިކަންތައްތައް ހައިކޯޓުގެ ސަމާލުކަމަށް ގެނެސް، މި މައްސަލަގައި ކަރެކްޝަނަލް ސާވިސްގެ ފަރާތުން ގެނައި ވަކީލު، މިކަންތައް އެހެން ހިނގާފައި ވާނެ ކަމަށް ބުނެ ވި އިއުތިރާފުގެ މައްޗަށް ބިނާކޮށް ކަމަށް ވަކީލު ވިދާޅުވިއެވެ.

އަދީބުގެ ވަކީލު ވިދާޅުވީ، މި އަމުރާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ޖެހިގެން އައި ދުވަހު ދައުލަތުގެ ފަރާތުން ހައިކޯޓުގެ ވަގުތީ އަމުރު އިސްތިއުނާފް ކުރުމުން ވަކި ގޮތެއް ކަނޑައަޅަން ދެން، ހައި ކޯޓުގެ ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށް އަމުރެއް ނެރެފައެވެ. އަދި ސުޕްރީމް ކޯޓުގެ މި އަމުރާ މެދު ގޮތެއް ކަނޑައެޅިގެން ދިޔައީ ސުޕްރީމް ކޯޓުގެ އަޑުއެހުންތަކެއް ބޭއްވުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މި މައްސަލައިގައި ދެފަރާތުން ދެއްކި ވާހަކަތަކަށާއި، އަދީބުގެ ފަރާތުން ހުށަހެޅުނު މެޑިކަލް ޑޮކިއުމެންޓްސް ތަކަށާއި މިހާރުގެ ހާލަތަށް ބެލުމަށްފަހު ކަންތައް ދިރާސާ ކުރައްވަފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދީބު މައްޗަށް އުފުލާފައިވާ ދައުވާ ތަކުގެ ތެރޭގައި 2015 އަހަރުގެ މޭޑޭ އާ ދިމާކޮށް އަދީބު ފިސްތޯލައެއް ގެންގުޅުއްވި މައްސަލައިގެ ދައުވާ އަދި 2015 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން މާލެ ވަޑައިގެންނެވި މަގުމަތީގައި ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅު 'ފިނިފެންމާ' ގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ދައުވާ ހިމެނެއެވެ. އަދި ކޮރަޕްޝަންގެ މައްސަލަތަކާއެކު އަދީބު މިހާރު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.