ކަނޑުމަގުން އެތެރެކުރާ މުދަލަށް އެޖެންޓްސް ޑެލިވަރީ އޯޑާ (ޑީއޯ) ދޫކުރުމުގައި ނަގާ ޗާޖަސް ނެގުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
ޓްރާސްޕޯޓް އޮތޯރިޓީން ބުނީ މިއަދުން ފެށިގެން ޑީއޯ ދޫކުރުމުގައި ބަނދަރަށް ދައްކަންޖެހޭ ސްޓީވްޑޯރިން، ޓާމިނަލް ހޭންޑްލިން ޗާޖް، ކަސްޓަމްސް އަށް ދައްކަން ޖެހޭ ޗާޖްގެ އިތުރުން ޑީއޯ އެޑްމިނިސްޓްރޭޓިވް ޗާޖް ފިޔަވައި އިތުރު އެއްވެސް ޗާޖެއް ނެގޭނީ އެ އޮތޯރިޓީއަށް ހުށަހަޅާ ހުއްދަ ހޯދުމަށް ފަހުގައި ކަމަށް އެ އޮތޯރިޓީން ބުނެއެވެ. ޓްރާންސްޕޯޓް އޮތޯރިޓީޏް ބުނީ، އެ އޮތޯރިޓީގެ މި ނިމްމުމާއި ހިލާފުވާ ފަރަތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އެ އޮތޯރިޓީން ބުނީ ހުއްދަ ނަގަން ޖެހޭ ގޮތަށް ކަނޑައެޅީ މިހާރަކާށް އައިސް މުދަލުގެ 'ކޮންސައިނީ' (މުދާ އެތެރެކުރާ ފަރާތް) އަށް އެޖެންޓުން ޑީއޯ ދޫކުރުމުގައި ތަފާތު އެކި ނަންނަމުގައި ގިނަ ޗާޖަސް ނަގަމުންދާކަމުގެ ޝަކުވާތައް އެ އޮތޯރިޓީއަށް ލިބެމުން ދާތީ ކަމަށެވެ. ޓްރާންސްޕޯޓް އޮތޯރިޓީީން ބުނީ މި ޝަކުވާތަކާއި ގުޅިގެން އެ އޮތޯރިޓީން ހޯދިހޯދުންތަކުގައި ފޯވާޑިން އެޖެންޓުން ޑީއޯ ދޫކުރުމުގައި ތަފާތު ގިނަ ޗާޖަސް ނަގަމުންދާކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި މިފަދަ ޗާޖުތައް އުސޫލެއް ނެތި ނެގުމުގެ ނަތީޖާއަކީ ބާޒާރަށް ނެރެވޭ މުދަލުގެ އަގު އުފުލިގެން ދިއުންކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.
ރާއްޖެއަށް އެތެރެކުރާ އިމާރާތްކުރަން ބޭނުން ކުރާ އަސާސީ މުދަލާއި ޕެރިޝަބަލް މުދާ ފިޔަވާ އެހެނިހެން ހުރިހާ މުދަލެއްހެން މިހާރު އިމްޕޯޓް ކުރަނީ ކޮންޓެއިނަރުގައެވެ. މި ކޮންޓެއިނަރުތައް ކޮމާޝަލް ބަދަރުން ދޫކުރަނީ ފްރައިޓް ފޯވާޑިން އެޖެންޓުންގެ ފަރާތުންދޭ ޑެލިވަރީ އޯޑަރު މުދާ ދޫކުރާ މުއައްސަސާތަކަށް ހުށަހަޅައިގެންނެވެ.