ސިއްހީ ސަބަބުތަކަކަށްޓަކައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދުގައި ބަހައްޓަން ނެރުނު އަމުރު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެެވެ.

ތަފާތު އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ގޭ ބަންދަށް ބަދަލުކުރަން ހައި ކޯޓުން އަމުރުކުރީ މިދިޔަ ޖެނުއަރީ މަހު 28 ގައެވެ. ނަމަވެސް އަދީބު އޭރު އަނބުރާ ޖަލަށް ގެންގޮސްފައިވަނީ ހައި ކޯޓުގެ އަމުރު ދައުލަތުން އިސްތިއުނާފު ކުރުމުންނެވެ.

އަދީބު ގޭ ބަންދަށް ބަދަލުކުރަން ހައި ކޯޓުން އަމުރުކުރީ އޭނާގެ ސިއްހީ ހާލަތު ގޯސްވުމުން ރާއްޖޭން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. މިއަދު ސުޕްރީމް ކޯޓުން އަދީބު ގޭބަންދުގައި ބަހައްޓަން ނެރުނު އަމުރު ރަނގަޅު ކަމަށް ބުނި އިރު، އޭނާ މިހާރު ވެސް ހުންނެވީ ގޭ ބަންދުގައެވެ.

2015 އަހަރުގެ މޭޑޭ އާ ދިމާކޮށް އަދީބު ފިސްތޯލައެއް ގެންގުޅުއްވި މައްސަލައިގެ އިތުރުން ޓެރަރިޒަމްގެ އެހެން ދައުވާއެއްވެސް ދައުލަތުން އަދީބުގެ މައްޗަށް އުފުލާފައިވެއެވެ. އެއީ 2015 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން މާލެ ވަޑައިގެންނެވި މަގުމަތީގައި ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅު 'ފިނިފެންމާ' ގައި އެއްޗެއް ގޮއްވާލި މައްސަލައެވެ.