ރޭ އިފްތިތާހުކުރި "ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް، ފަނޑިޔާރުގެ އިސްލާހުކުރުމުގެ މަގުޗާޓު 2019-2023" އަކީ ފުރުސަތެއްކަމަށް ދެކިގެން މަސައްކަތް ކުރުން މުހިންމު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ރާއްޖެއަށް އިސްލާހު ގެނެސްފައިވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހީ އެޖެންޑާ އަކީ އިސްލާހީ ފުރުސަތެއް ކަމަށް ދެކިގެން ކަމަށާއި، ހަމަ އެފަދައިން ޖުޑިޝަރީގެ އިސްލާހީ އެޖެންޑާ ފުރުސަތެއް ކަަމަށް ދެކި އެ ފުރުސަތުގެ ބޭނުން ކުރުން މުހިންމުކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް، މިއީ އޭނާގެ ހިޔާލު ކަމަށާއި، މިނޫން ގޮތަށް ދެކޭ އެތައް ބަޔަކު ތބެދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ޖުޑިޝަލް ރިފޯމްގެ ފަސްއަހަރު ދުވަހުގެ ޕްލޭނަކީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ ތަރައްގީކޮށް، ކަންކަން އިސްލާހުކޮށް ހަރުދަނާ ކުރުމަށާއި، ގާނޫނުގެ ހުކުމް ނަގަހައްޓާ ވަކި ފަރާތަކަށް ނުޖެހި އަދުލު އިންސާފު ގާއިމު ކުރުމަށްޓަކައި ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކުރުމާ ބެހޭގޮތުން ތައްޔާރު ކުރެވޭ ޕްލޭނެއް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ރޭގައި ވިދާޅުވެފައެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލާފައިވާ މި މަގުޗާޓުގައި އިސްލާހީ ބަދަލުތައް ގެންނަންޖެހޭ މައިގަނޑު 20 ދާއިރާއެއް ފާހަގަކޮށްފައި ވެއެވެ. މީގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން އިސްލާހު ކުރުމާއި، ގާނޫނު އިސްލާހު ކުރުމާއި، ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ އިތުރުން ކޮރަޕްޝަނާއި ނުފޫޒުން ފަނޑިޔާރުން އެއްކިބާ ކުރުން ފަދަ ކަންކަން ހިމެނެއެވެ.