7 ވަރަކަށް ދިވެހިން ބައިވެރިވެގެން ރޭ ދަންވަރު ފައިސާ ހޯދުމަށްޓަކާ، ބިދޭސީއަކު ރަހީނު ކޮށްފިއެވެ. ބިދޭސީ މީހާ ރަހީނު ކުރުމަށް ފަހު އޭނާގެ ރައްޓެއްސަކަށް ގުޅާ ސާޅީސް ހާސް ރުފިޔާ ހިފައިގެން ކެންގްރޫ ކިޑްސް ކައިރިއަށް ދިޔުމަށް ރަހީނު ކުރި މީހުން އެދިފައި ވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ ފައިސާއާ ހަވާލު ވުމަށް ކެންގަރޫ ކިޑްސް ކައިރިއަށް ދިޔަ 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައެވެ. އަދި ރަހީން ކޮށްފައި ހުރި މީހާ ހުރި ސަރަހައްދަށް ފުލުހުން ދިޔައިރު އެކަމުގައި އުޅުނު 7 ވަރަކަށް ދިވެހިން އެތަނުން ފިލައިފައި ވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރުގެ 2:36 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ރަހީން ކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިކަމުގައި ބައިވެރިވި މީހުން ވަނީ ރަހީން ކުރި ބިދޭސީ މީހާގެ ގައިގައި ތަޅާ މާރަމާރީ ހިންގުމަށް ފަހު އޭނާގެ އަތުން 2 ފޯނާއި ކަރުގައި އަޅައިފައި އޮތް ފަށުގެ އިތުރުން ތަޅުދަނޑި ފައްޗެއް އަތުލައިފައި ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ ފުލުހުންގެ ސީރިޔަސް އޮގަނައިޒް ކްރައިމް ޑިޕާޓްމެންޓުން ދަނީ ބަލަމުންނެވެ.