މިދިޔަ މަހުގެ 22 ވަނަ ދުވަހު ށ. ޅައިމަގު ކުރިމަގު ބޯޓުގައި މަސައްކަތް ކުރާ ބިދޭސީއެއް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައިގައި އެ ބޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ބިދޭސީ މީހާ ގެއްލުނު މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރާއި 36 އަހަރުގެ ބަންގުލަދޭޝް ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ. މި ދެ މީހުންނަކީ ވެސް ކުރިމަގު ބޯޓުގައި މަސައްކަތް ކުރާ ދެމީހުން ކަމަށް މައުލޫމާތު ލިބެއެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ބިދޭސީ މީހާ ގެއްލުނު މައްސަލައިގެ ތުހުމަތުގައި ކަމަށް މައުލޫމާތު ލިބޭ އިރު، ގެއްލުނު މީހާ މަރާލާފައިވާ ކަމަށް ބައެއް ނޫސްތަކުން ދަނީ ރިޕޯޓް ކުރަމުންނެވެ. ނަމަވެސް މިކަން ފުލުހުން ކަށަވަރުކޮށް ނުދެއެވެ.

ޅައިމަގު ކުރިމަގު ބޯޓުގެ މާލޭ ނޯތް ހާބަރުގައި / ފޮޓޯ: އެފްބީ

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ޅައިމަގު ކައުންސިލުން އެ އަތޮޅު ފުނަދޫ ޕޮލިސް ސްޓޭޝަނަށް ގުޅާ، ކުރިމަގު ބޯޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއް އެރޭ ފަތިހު ބޯޓު މާލެ ފުރަންވެގެން ބެލި އިރު ބޯޓުގައި ނެތުމުން ވީނުވީއެއް ނޭނގި ގެއްލިފައިިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކުރި އިރު، އެ ރޭ ބޯޓު މާލެ ދިއުމަށް ދަތުރު ފަށާފައިވާ ކަމަށާއި، ބޯޓު މާލެ އައުމުން ޗެކްކޮށް ކެޕްޓަނާއި ފަޅުވެރިންނާ ސުވާލުކޮށް މި މައްސަލައިގެ މައުލޫމާތު ސާފްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި، ލިބޭ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކޮށް ޔަގީންކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މައްސަލައަކީ ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމުން ދެވެން އޮތް މިންވަރަކުން މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.