މިއަދު ހަވިރު ފަޔާ ލޮރީއެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެއެވެ.

ހަތަރު މީހުންނަށް އަނިޔާވި މި އެކްސިޑެންޓްގައި މަރުވީ ހާލު ސީރިއަސްވުމުގެ ސަބަބުން މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދިޔަ މީހާއެވެ. އެމީހާ މަރުވެފައިވަނީ މާމިގިލި ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މަހިބަދޫއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މަރުވި މީހާގެ މައުލޫމާތެއް ސާފު ނުވިނަމަވެސް، އޭނާ އަކީ އެއާޕޯޓު ފަޔާ ސާވިސްގައި މަސައްކަތް ކުރަމުން ދިޔަ ޒުވާނެއްކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު ހަވީރު ހިނގި މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ލިބުނެވެ. މި އެކްސިޑެންޓުގައި އަނިޔާ ލިބިފައިވަނީ ވިލާ އެއާޕޯޓުގެ ފަޔާ އެއާގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. މީގެ ތެރެއިން ތިން މީހަކު އިތުުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މިރޭ 9:00 ހާއިރު މާލެ ގެނެވޭނެކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެކެއްގެ ބޯފަޅައިގެން ދިޔުމުގެ އިތުރުން ދެ މީހެއްގެ ފައި ބިނދި އިތުރު މީހެއްގެ ކަކުލަށް އަނިޔާ ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް މި ހަތަރު މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.