ވިލާ އިންޓަނޭޝަނަލް އެއާޕޯޓް (އދ.މާމިގިލި އެއާޕޯޓް) ގައި ވެހިކަލް އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާގައި ހަތަރު މީހުންނަށް އަނިޔާ ވެފައިވާކަމަށް ފުލުހުން ބުނެއެވެ.

މިއަދު ހަވީރު 4:20 ހާއިރު ހިނގި މި ހާދިސާ އަކީ އެއާޕޯޓް ފަޔާ ލޮރީ ކޮންޓްރޯލް ނުކުރެވިގެން ހިނގާފައިވާ ހާދިސާއެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާ ވެފައިވަނީ އެއާ ފަޔާ ގައި މަސައްކަތް ކުރާ ހަތަރު މީހުންނަށް ކަމަށެވެ. މި ހަތަރު މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބުމުގެ ސަބަބުން މި މީހުން ވަނީ މާމިގިލި ހެލްތް ސެންޓަރަށް ގެންގޮސްފައެވެ. އަދި އިތުރު ފަރުވާއަށް މި މީހުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.