2015 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަސް (މޭޑޭ) ގައި އަނިޔާވެރިކަމާ ދެކޮޅަށް އެންމެން ގުޅިގެން ފެށި މަސަތްކަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް އަދިވެސް ހާސިލް ކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށް މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓާ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނިޔާ އާއި ކޮރަޕްޝަނުގެ ކުރިމަތީގައި ދިވެހިން ކުޑަކަކޫ ނުޖަހާނެ ކަން އެ ދުވަހު ވަނީ ދައްކުވައި ދީފައި ކަމަށެވެ.

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގެ އަނިޔާވެރިކަމާ ދެކޮޅަށް 2015 ވަނަ އަހަރުގެ މޭޑޭ ގައި ވަނީ މުޒާހަރާ ކޮށްފައެވެ. ގިނަ ބަޔަކު އެއްވެގެން ކުރި މި މުޒާހަރާގައި އިމްރާން އަބްދުﷲ ވަނީ ހައްޔަރުކޮށްފައެވެ. އަދި ޝަރީއަތެއް ނެތި ގިނަ ދުވަސްތަކެއް ވާންދެން އިމްރާން ޖަލުގައި ބެހެއްޓިއެވެ.

އިމްރާނާއެކު ގިނަ ބަޔަކު ހައްޔަރު ކުރި މޭޑޭގެ އެއްވުމަކީ ކާމިޔާބު އަދި މިހާތަނަށް ރާއްޖެގައި އެންމެ ގިނަ ބަޔަކު އެއްވެގެން ކުރި މުޒާހަރާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.