އަތޮޅުތެރޭ ރަށެއްގައި ދެ ކުއްޖަކު ގެންގޮސް ފޮރުވައިގެން އުޅުނު މައްސަލައިގައި ޝައްކު ކުރެވޭ އުމުރުން 29 އަހަރުގެ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށް 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އަތޮޅު ތެރޭގެ ރަށެއްގައި ފޮރުވައިގެން ގެންގުޅުނު ދެ ކުއްޖަކު ހޯދާ، އޭނާ ފުލުހުން ހައްޔަރު ކޮށްފައިވަނީ އިއްޔެރޭ މެންދަމުގެ ވަގުތެއްގައެވެ.

ފުލުހުން އިއްޔެ ރޭ މެންދަމު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ދެކުދިން ހޯދާފައި ވަނީ އެކުދިން އާއިލާއަށް ފިލައިގެން ގޮސް އުޅެނިކޮށެވެ. އަދި އެ އޮޕަރޭޝަނުގައި އެކުދިން ހޯދާ އެކަމުގައި ޝާމިލުވާ މީހާ ހައްޔަރު ކުރި އިރު އެ ކުދިން ބައިތިއްބާފައި ތިބި ގެއިން މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭ ސާމާނާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޕެކެޓަކާއި ކަރުދާސް ކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިހާރު އެ ދެ ކުދިން ތިބީ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރާ ހަވާލުކޮށް، އެ ކުދިންގެ އާއިލާއާ ހަވާލު ކުރެވެންދެން ރައްކާތެރި މާހައުލެއްގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.