ރާއްޖޭގައި ބިދޭސީން ކުރާ މަސައްކަތްތަކާ ދިވެހިން ހަވާލުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ. ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް (މޭ ޑޭ) ގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި، ރާއްޖޭގައި ބިދޭސީން ކުރާ މަސައްކަތްތަކާ ދިވެހިން ހަވާލު ވުމުން އިގުތިސާދީ ގޮތުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ އިންސާނަކަށް ވީތީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ އަދި އިޖްތިމާއީ ވާޖިބެއް ކަމަށާ ހަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ އޭގެ ޒާތުގައި ހުތުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ވަކި ކަހަލަ ވަޒީފާއެއް ނުލިބިގެން ދެއަތް އުރާލައިގެން ނުތިބުމަށާ، އެގޮތަށް އެކަން ކުރުމުން ދިވެހިންގެ ބަދަލުގައި އެމަސައްކަތްތަކާ ހަވާލުވަނީ ބިދޭސީންކަން ރައީސް ވަނީ ހިތާބުގައި ފާހަގަ ކުރައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ޒުވާނުން، ދިރިއުޅުމުގެ ޒިންމާތައް އަމިއްލައަށް އުފުލަން ތެދުވަން ޖެހޭ ކަމަށެވެ. އަދި އަޒުމް ކަނޑައަޅާ އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ވަޒީފާގެ ބާޒާރަށް ވީހާ ގިނަ ދިވެހީން ނެރުމަށްޓަކައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ މިހާރުން މިހާރަށް ކުރަން ޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތް ކަމަށްވެސް ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރުމަށްޓަކައި ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ. މިކަމަށް ބާރު ދެއްވާ ރައީސް ވިދާޅުވީ، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފަށައިގަތުމުން، އެ މަސައްކަތް ހަލުވިމިނުގައި ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.