މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އެއްވެސް ވަޒީފާއަކަށް ވަކި މީހަކު ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާފައި ނޯންނާނެ ކަމަށް އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ފައުޒީ މިހެން ވިދާޅުވެފައިވަނީ މިފްކޯގެ ދަށުން ހިންގަމުން އަންނަ ކޫއްޑޫގެ ވަޒީފާތައް ވަކި ބަޔަކަށް ދޭން އުޅޭ ކަމަށް ފެންމަތިވެފައިވާ ވާހަކަތަކާއި ގުޅިގެންނެވެ.

މިކަމާ ގުޅިގެން ފައުޒީ މިއަދު 'ދަ ޕްރެސް' އަށް ވިދާޅުވީ މިފްކޯއިން މިހާރުވެސް ވަޒީފާތަކަށް އިއުލާނު ކުރަމުން ގެންދަނީ ކުރިންވެސް އެކަން ކުރަމުން ދިޔަ އުސޫލުން ކަމަށެވެ. އަދި އެކި ވަޒީފާތަކަށް ކަނޑައަޅާފައި ހުންނާނީ އެކި ޝަރުތު ތައް ކަމަށާއި އެ ޝަރުތުތައް ބަދަލު ކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިފްކޯއިން ދާދިފަހުން ވަނީ ކޫއްޑޫއަށް މެނޭޖަރަކު ހޯދަން އިއުލާނު ކޮށްފައެވެ. އެ އިއުލާނުގައި މެނޭޖަރު ކަމުގެ ޝަރުތު ތަކުގެ ތެރޭގައި ހިމަނާފައި ވަނީ ލިޔަން، ކިޔަން ދަތުމާއި މަގާމުގެ މަސްއޫލިއްޔަތު އާދާކުރުމުގެ ހުނަރާއި ގާބިލުކަން ސާބިތު ކޮށްދިނުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށް ވުމެވެ. އަދި އެމާގާމަށް އައްޔަނު ކުރެވޭ މީހަކަށް ދެފަރާތް އެއްބަސްވާ މުސާރައެއް ދިނުމަށްވެސް އިއުލާނު ގައި ބުނެފައި ވެއެވެ.

މި އިއުލާނާއި ބެހޭގޮތުން ފައުޒީ ވިދާޅުވީ، އެ އިއުލާނަކީ ކުރިން ކޮށްފައިވާ އިއުލާނެއް ކަމަށެވެ. އަދި އެ އިއުލާނުގައި ހުރި މައްސަލަތަކެއް ފާހަގަ ކުރެވިގެން އެ ކުންފުނިން އެ އިއުލާނު ބާތިލު ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެފަހުން ކޫއްޑޫއަށް އެޑްމިނިސްޓްރޭޝަން މެނޭޖަރެއް ހޯދަން ނެރުނު އިއުލާނުގެ ޝަރުތު ތަކުގެ ތެރޭގައި ހިމަނާފައިވަނީ މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ސެޓްފިކެޓު ލެވެލް ކޯހެއް ހާސިލްކޮށްފައިވުން ނުވަތަ މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ. އަދި އެ މަގާމަށް ވަކި މުސާރައެއްވެސް ކަނޑައަޅާފައި ވެއެވެ. އެއީ މަހަކު 9،000 ރުފިޔާ އާއި 10،750 ރުފިޔާ އާ ދެމެދުގެ މުސާރައެކެވެ.

އެފަދަ މައްސަލައެއް ފެންމަތިވާން މެދުވެރިވި ސަބަބާބެހޭ ގޮތުން ފައުޒީ ވިދާޅުވީ ކަނޑައެޅިގެން އެއީ ކީއްވެގެން ކަން ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެކަމަކު އެއީ ބަޔަކު މީހުންގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސް ކަމެއްގެ ސަބަބުން ކަމަށް ވުން އެކަށީގެން ވާކަމަށް އޭނާ ވިދާޅުވިއެވެ.