ކަންފަތް ފެންނަ ގޮތަށް ބުރުގާ އަޅަން ލަންކާ އިން އަމުރު ކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝެއިހް އަލީ ޒައިދް ވިދާޅުވެއްޖެއެވެ.
ޝެއިހް ޒައިދް ވިދާޅުވީ، ކަންފަތަކީ ހިލާފެއް ނެތް ގޮތުގައި އައުރައެއް ކަމަށާއި މިފަދައިން އަމުރު ކުރުމުން ފެނިގެން ދަނީ ޓެރަރިޒަމްގެ ނުބައި އަމަލާ އެކި 'ބުޑިސްޓުން މުސްލިމުންނަށް ހަސަދަ' ފިލުވާތަން ކަމުގައެވެ.
"ބޮން ހުރީ ބޭގް ގަ، ބޭގް ވެސް މަނާ ކުރައްވާ" ޒައިދު ވިދާޅުވިއެވެ.
ކަންފަތް ފެންނަ ގޮތަށް ބުރުގާ އަޅަން ލަންކާ އިން އަމުރު ކުރުމާއި ގުޅިގެން ހިތްހަމަ ޖެހި ވަޑައިނުގެން، ޝެއިހް ޒައިދް ކުރެއްވި ޓްވީޓަށް ޑރ.މުހައްމަދު އިޔާޒް ވެސް ވަނީ ތާއިދު ކުރައްވާފައެވެ. އެގޮތުން ޑރ. އިޔާޒް ވިދާޅުވީ، އެއީ މުސްލިމުންގެ ނަމުގައި ޔަހޫދީންގެ ޕްރޮޕަގެންޑާ ފަތުރާ ބަޔަކު ކުރި ކަމެއް ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އަދި އެއީ މުސްލިމުންނަށް ތަފާތު ގޮތްގޮތުން އުނދަގޫ ކުރިމަތި ކުރުވުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށެވެ.
ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގައި ތަންފީޒު ކުރައްމުންދާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގެ ދަށުން، ކަންފަތް ފޮރުވޭނެހެންވެސް ބުރުގާ އެޅުން މަނާކޮށް ގެޒެޓް ކޮށްފައިވަނީ ވަގުތީ ގޮތުންނެވެ.
ކުއްލި ހާލަތުގެ ދަށުން ގެޒެޓް ކޮށްފައިވާ ގާނޫނުގައިވާ ގޮތުން އެމީހަކީ ކާކުކަން ނޭނގޭ ގޮތަށް މުޅި މޫނު ނިވާ ވާނެހެން އާންމު ތަންތާނގައި ބުރުގާ އަޅައިގެން އުޅުމަކީ މަނާކަމެކެވެ. ގާނޫނު މާނަ ކޮށްދެމުން އިތުރަށް ތަފްސީލު ކޮށްދީފައިވާ ގޮތުގައި މުޅި މޫނު ނިވާ ނުކުރުމޭ ބުނެފައި ވަނީ މޫނުމަތީގެ ހުރިހާ ގުނަވަންތަކެއް ފާޅުވާން ހުރުން ކަމުގައި ބުނެފައި ވާއިރު އޭގެ ތެރޭގައި ދެ ކަންފަތްވެސް ފެންނަންޖެހޭނެ ކަމަށް ވަނީ ބަޔާން ކޮށްފައެވެ.
އާންމު މާނަތަކަށް ބަލާއިރު، ބުރުގާ އަކީ މުޅި މީހާގެ ހަށިގަނޑުން އެއްވެސް ތަނެއް ފާޅުވާން ނުހުންނާނެހެން ނިވާ ވާ ގޮތަށް ހަށިގަނޑު ފޮރުވާ ހެދުމެކެވެ. ނިގާބަކީވެސް މުޅި ހަށިގަނޑު ފޮރުވާ ހެދުމެކެވެ. ނަމަވެސް ނިގާބުގައި ދެލޯ ފެންނަން ހުންނާނެއެވެ. ދެން ހުންނަނީ ދިވެހިންގެ މެދުގައިވެސް އާންމު ހިޖާބެވެ. މިއީ އެއްވެސް ވަރަކަށް މޫނު ނިވާ ނުކުރާ ހެދުމެކެވެ.