އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ އޮފީހަށް ހާޒިރުވެ ވަޑައި ނުގެން މުސާރަ ނަންގަވަމުން ގެންދަވާތާ މިހާރު ތިން މަސް ވާން ކައިރިވެއްޖެއެވެ.

އޭސީސީ އިން ބުނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ލުތުފީ އޮފީހަށް ނުނިކުންނަވާއެވެ. އެގޮތުން ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ލުތުފީ ވަޑައިގެންނެވީ އަހަރީ ޗުއްޓީއަށް ކަމަށާއި، މިހާރު ޗުއްޓީ ހަމަވެ، ވަޒީފާގެ އެހެނިހެން ލުއިތައް ވެސް ހަމަވެފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި ލުތުފީ ފުރިހަމަ މުސާރަ ވެސް ނަންގަވަމުން ގެންދަވާކަން އޭސީސީ އިން ވަނީ ޔަގީން ކޮށްދީފައެވެ.

ވަޒީފާއަށް ނުކުންނެވުން ހުއްޓަވާލެއްވި އިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު ރިޕޯޓާ ގުޅިގެން ލުތުފީއަށް ވަނީ ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒު ވެފައެވެ. އަދި ފެބްރުއަރީ މަހު ޗުއްޓީއަށް ވަޑައިގެންނެވި އިރު، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބިވަޑައި ނުގަތުމުން، އެކަމާ ހިތްހަމަޖެހިވަޑައި ނުގެން ލުތުފީ ވަނީ ފްލެޓް ހޯއްދެވުމަށް ދައުލަތާ ދެކޮޅަށް ދައުވާ ވެސް ކުރައްވާފައެވެ.