ސުޕްރީމް ކޯޓަށް ހާޒިރު ކުރާ ދުވަހަކުން، ފަނޑިޔާރުން މި ގައުމު ހަލާކު ކޮށްލި ގޮތް އުފަލާއެކު ކިޔާ ދެއްވާނެކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވެއްޖެއެއެވެ.

ސުޕްރީމް ކޯޓާއި ޝަރުއީ ދާއިރާއާ ގުޅުވައިގެން ބައެއް ސިޔާސީ ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅިގެން އެފަރާތްތައް ސުޕްރީމް ކޯޓަށް ހާޒިރުކުރަމުންދާ ދުވަސްވަރެއްގައި، ނިޔާޒު ވިދާޅުވީ އޭނާ ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގުމަކީ އޭނާ ވަރަށް އެދޭ ކަމެއް ކަމަށެވެ. އަދި އެދުވަހަކުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މި ރާއްޖެ ހަލާލުކޮށްލި ގޮތާ، މަތީ ކޯޓަަކަށް އެމީހުން ކުފޫ ހަމަނުވާކަން އުފަލާއެކު ސާފުކޮށްދެއްވާނެ ކަމަށެވެ.

"އެ ހުރިހާ އެންމެން މަގާމުން ވަކިކުރަން ޖެހޭ ސަބަބު އަޅުގަނޑު ކޯޓަށް ހާޒިރުކުރާ ދުވަހަކުން ކިޔައި ދޭނަން. އެ ބޭފުޅުންނާއެކު ޖުޑިޝަރީއެއް އިސްލާހެއް އަދި ރިފޯމެއް ނުކުރެވޭނެ. އަޅުގަނޑުމެން ދިވެހިން ބޭނުންވަނީ އެންމެންގެ މައްޗަށް ހަމަހަމަ ކަމާއެކު އިންސާފު ހޯދައިދޭނެ ޝަރުއީ ނިޒާމެއް. އަޅުގަނޑުމެންގެ އަސާސީ ހައްގުތައް ހިމާޔަތް ކޮށް ގާނޫނު އަސާސީ ހިމާޔަތްކުރާނެ ޝަރުއީ ނިޒާމެއް ބޭނުންވަނީ" ނިޔާޒު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓާ ދެކޮޅަށް ދައްކާ ވާހަކަތަކާ ގުޅިގެން، އެއީ ޝަރުއީ ދާއިރާގެ އަގު ވައްޓާލުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބުނެ، އެ ވާހަކަ ދައްކާ ފަރާތްތައް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ދަނީ ބަޔާން ނަގަމުންނެވެ. އަދި މީގެ ކުރިން ބައެއް ވަކީލުން ސަސްޕެންޑް ކުރުމާ، ވަކާލާތު ކުރުމުގެ ހުއްދަ ހިފަހައްޓާފައި ވެއެވެ.

ސުޕްރީމް ކޯޓާއި ގުޅުވައިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ދެއްކެވި ވާހަކައަކާ ގުޅިގެން އެ ކޯޓަށް އޭނާ ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފައެވެ. މީގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސޫދާއި ގާނޫނީ ވަކީލު މޫސާ ސިރާޖް ވެސް ވަނީ ސުޕްރީމް ކޯޓަށް ހާޒިރު ކޮށްފައެވެ.