ދައުލަތުން ގެ ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް މިދިޔަ އަހަރަށް ކަނޑައެޅި ފައިސާގެ ތެރެއިން ޕީޕީއެމަށް ދޭން ޖެހޭ ފައިސާ ދޫކުރަން ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުން ޕީޕީއެމަށް ދޭން ޖެހޭ ފައިސާ ނުދީގެން ފިނޭންސް މިނިސްޓްރީ އާ ދެކޮޅަށް އެ ޕާޓީން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ވަނިކޮށް އެ މިނިސްޓްރީން ބުނީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި ރޯދަ މަހުގެ އިނާޔަތް ދިނުމަށްފަހު، ޕީޕީއެމަށް ފައިސާ ދޫކުރާނެ ކަމަށެވެ. ނަމަވެސް ފައިސާ ދޫކުރާނޭ ވަކި ދުވަހެއް އެ މިނިސްޓްރީން ހާމައެއް ނުކުރެއެވެ. މިދިޔަ އަހަރުގެ ބަޖެޓުން ޕީޕީއެމަށް ވީ ފައިސާ އެޕާޓީއަށް ނުދީ އެންމެ ފުރަތަމަ ހިފަހައްޓާފައިވަނީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެންނެވެ.
ޕީޕީއެމަށް ދައުލަތުގެ ބަޖެޓުން 18 މިލިއަން ރުފިޔާ ދިނުމަށް ކަނޑައެޅީ އެ ޕާޓިގައި މެމްބަރުން ތިބި އަދަދަށް ބަލާފައެވެ. އެގޮތުން، ޕީޕީއެމްގެ ރައީސްގެ މަގާމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދުރުކޮށް، ޕާޓީ، ކުރީގެ ރައީސް މައުމޫނާ ހަވާލުކޮށްދޭން އާންމު މެމްބަރަކު ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ޔާމީނާ އެއްކޮޅަށް ނިންމުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ފައިސާ ދޫކޮށްފިނުމަށް ވަނީ މީގެ ކުރިން ފިނޭންސް މިނިސްޓްރީގައި އެދިފައެވެ.
ރިޔާސީ އިންތިހާބަށް ޕީޕީއެމުން ކުރި ކެމްޕޭން ދަތުރުތަކަށް އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ 3.8 މިލިއަން ރުފިޔާ އަދި ވެސް ނުދައްކާ ހުރި އިރު، އެ ޕާޓީގެ ބިލްތައް ނުދައްކައިގެން އެ ޕާޓީގެ ރަސްމީ ފޯނު ލައިންތައް ވެސް ވަނީ ކަނޑާލައިފައެވެ. ޕީޕީއެމުން ކުރިން ބުނެފައިވާ ގޮތުގައި އެ ޕާޓީ ދަރަނިވެރިވީ ދައުލަތުގެ ބަޖެޓުން ކަނޑައެޅި ފައިސާ ދޫނުކޮށް ހިފެހެއްޓުމުން ކަމަށެވެ.