ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސުންގެ މަސްއޫލިއްޔަތުތައް ކަނޑައަޅައިފިއެވެ.
މިރޭ ބޭއްވި ޕީއެންސީގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި ނައިބުރައީސް ފެންވަރުގެ ބޭފުޅުން ކުރައްވަންޖެހޭ ކަންކަން ވަނީ ބަހާލާފައެވެ.
ޕީއެންސީގައި ނައިބު ރައީސް ފެންވަރުގެ ފަސް ބޭފުޅުން ތިއްބަވައެވެ. އެއީ އެ ޕާޓިގެ ހަތަރު ނައިބު ރައީސުންގެ އިތުރުން، ޕީއެންސީގެ ޕީޖީ ގުރޫޕުގެ ލީޑަރެވެ.
ޕީއެންސީގެ ނައިބު ރައީސުންނަކީ އެންމެފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި މާވަށުދާއިރާއަށް އިންތިހާބުވެވަޑައިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކާއި އިބްރާހިމް ޝުޖާއު އަދި މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ. ޕާޓީގެ ޕީޖީ ގުރޫޕުގެ ލީޑަރަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާއަށް އަލަށް އިންތިހާބުވި މެންބަރު އާދަމް ޝަރީފް އުމަރެވެ.
މިރޭ އޮތް ޕީއެންސީގެ ކައުންސިލް ބައްދަލު ވުމުގައި ސައީދުގެ މަސްއޫލިއްޔަތަކަށް ހަމަޖެހުނީ އިދާރީ ކަންކަމާއި ފައިސާގެ ކަންކަން ބެލެހެއްޓެވުމެވެ. ޝުޖާއުގެ މަސްއޫލިއްޔަތަކީ ޒުވާނުންނާއި އިވެންޓުތައް ބެލެހެއްޓެވުމެވެ. ނިހާން އަށް އޮތީ މެމްބަރުން ބެލެހެއްޓުމާއި ޕަބްލިކް ރިލޭޝަންސް އަދި މީޑިއާގެ ކަންކަން ބެލެހެއްޓެވުމެވެ. މުންދު ހަވާލުވެ ވަޑައިގެންނެވީ ބޭރު ދުނިޔޭގެ އެންމެހައި ކަންތައްތަކުގެ އިތުރުން ރިސާޗްގެ މަސްއޫލިއްޔަތާއެވެ.
އާދަމް ޝަރީފުގެ ޒިންމާއަކީ ލީގަލް އެފެއާޒް ގެ ހެޑެއްގެ ގޮތުން މަސައްކަތް ކުރެއްވުމެވެ.
ޕީއެންސީގެ ފުރަތަމަ ގައުމީ މަޖިލިސް ބާއްވާފައިވަނީ ހުކުރު ދުވަހުގައެވެ. މި މަޖިލީހުގައި ޕީއެންސީގެ ފުރަތަމަ ރައީސް ކަމަށް ވޯޓުލުމަކާ ނުލާ ހޮވިވަޑައިގެންފައިވަނީ، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތި ލައްވާފައެއް ނުވެއެވެ.