މަދިރީގެ ސަބަބުން ޖެހޭ ބަލިތައް އިތުރުވެ، ޑެންގޫ ފަދަ ނުރައްކާތެރި ބަލިތައް ކޮންޓްރޯ ނުވެ ފެތުރެމުންދާ މި ދުވަސް ވަރުގައި އެތައް ހާސް ބަޔަކަށް ފަރުވާ ދެމުންދާ ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި މަދިރި ގިނަވުުމުގެ ޝަކުވާ އާންމުން ކުރަން ފަށައިފިއެވެ.

މި ދުވަސްވަރަކީ ޑެންގޫ އާއި ޗިކުން ގުންޔާ ފަދަ މަދިރިން ޖެހޭ ބަލިތައް ރާއްޖޭގައި އިންތިހާއަށް ފެތުރިފައިވާ ދުވަސްވަރެއްކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އެ ފަދަ ބަލިތައް އިތުރުވަމުން ދާތީ، ރައްކާތެރި ވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. ނަމަވެސް ބަލިން ރައްކާތެރިވުމަށް ފަރުވާ ހޯދުމަށް ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކު ދާ އައިޖީއެމްއެޗުގައި މަދިރި ގިނަވެ އުނދަގޫ ބޮޑުވެފައިވާކަމުގެ ޝަކުވާ އަނެއްކާ ވެސް މި ވަނީ ގިނަވެފައެވެ. މިއީ އަލަށް ކުރާ ޝަކުވާއެއް ނޫން ނަމަވެސް މި ޝަކުވާއަކީ ޒަމާނުއްސުރެ ހައްލު ލިބިފައި ނުވާ ކަންބޮޑުވާން ޖެހޭ ޝަކުވާއެކެވެ.

އައިޖީއެމްއެޗަށް ޒިޔާރާތް ކުރުމަށް ފަހު އެތަނުގައި އެޑްމިޓް ކުރާ ބަލިމީހުންނާއި ޑޮކްޓަރަށް ދައްކާ މީހުންގެ އިތުރުން އެތައް ހާސް މުވައްޒަފުން ހިދުމަތް ހޯދާ އައިޖީއެމްއެޗް ކެންޓީނަށް މިއަދު ޒިޔާރަތް ކުރި އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިސްމާއީލް ހަބީބު ވެސް ވަނީ ފޮޓޯއަކާއެކު އެތަނުގެ ހާލަތު ހާމަކުރައްވާފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަދިރި އެންމެ ގިނަ ތަނަކަށް އައިޖީއެމްއެޗްގެ ކެންޓީން ވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އޭނާ ކުރެއްވި ޓްވީޓުގައި ގައިގަ މަދިރި ހަފާ ފިތްގަނޑު ނަގާފައި ހުރި ފޮޓޯއެއް ހިމަނާފައިވެއެވެ.

މަދިރީގެ މައްސަލައަށް ހައްލު ނުލިބި އާންމުންވެސް މިކަމާ އަންނަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން ކުޑަކުދިންގެ ވޯޑުގައިވެސް މަދިރި ގިނަ ކަން ފާހަކޮށް އެ ތަނުގައި މިވަގުތު އެޑްމިޓްކޮށްފައި ގިނައިން ތިބީވެސް ޑެންގޫ ޖެހިފައި ތިބި ކުދިން ކަމަށް މީހަކު ބުނެފައި ވެއެވެ.

އިތުރު މީހަކު ބުނެފައިވަނީ ޑެންގޫ ހުން ފެތުރެމުންދާ އިރު އައިޖީއެމްއެޗް ހަތަރު ފަރާތުންވެސް މަދިރި ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ.

"މިތާ އެތެރޭގައި ހުރެވޭ ވަރެއް ނޫން މަދިރި ހަފާވަރުން. ބައްޔެއް ނުޖެހި މިތަނަށް ބަލި މީހަކަށް ގޮވާލަން އައިއްސަ ގެއަށް ދާ އިރު ބަލި ޖެހޭ. ކެންޓީނު ކައިރީ މަދިރި އުތުރި އަރަނީ. އައިޖީއެމްއެޗުން މަދިރި ކޮންޓްރޯލް ކުރަންވެއްޖެ ދޯ." އައިޖީއެމްއެޗުން ނުކުތް އާންމުންގެ މީހަކު ރުޅިއައިސްފައި ހުރެ "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުންޏެވެ.

މި އަހަރުގެ މިހާތަނަށް ޑެންގޫ ހުން ޖެހިގެން 1772 ކޭސް ރިޕޯޓް ކޮށްފައިވާއިރު ޗިކުން ގުންޔާ ޖެހިގެން 800 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބު ތަކުން ދައްކައެވެ. ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ރިޕޯޓްތަކާއި އަޅާބަލާއިރު މިއަހަރު ޑެންގޫ އަދި ޗިކުން ގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.