10 ފޫޓު 11 ފޫޓުގެ ކޮޓަރި މާލެ ސަރަހައްދަށް އެކަށީގެންވާ ކަމަށް ކުރީގެ ހައުސިން މިނިސްރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުގެ ފާޑު ކިއުން ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒުއަށް ދަނީ އަމާޒުވަމުންނެވެ.

ސޯޝަލް މީޑިއާގައި އާންމުންގެ ފާޑު ކިއުން މުއިއްޒުއަށް އަމާޒުވަމުން ދާއިރު ބައެއް މީހުން ދަނީ މި ސައިޒުގެ ޖަލު ގޮޅިއެއް މުއިއްޒުއަށް އެކަށީގެންވާނެ ކަމަށް ބުނަމުންނެވެ.

ޓްވިޓާގައި އާންމު މީހަކު ކޮށްފައިވާ މި ޓްވީޓްއަށް ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ލައިކް ދެއްވާފައެވެ. އެގޮތުން، ލޯޔަރު، ހުސައިން ޝަމީމް، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރް އަދި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ހިމެނެއެވެ.

މީގެ އިތުރުން މުއިއްޒުގެ ހަތަރު ބޭފުޅުންނާ އެކު އޭނާ އުޅުއްވަނީ އެވަރު ކޮޓަރިއެއްގައި ތޯ ބައެއް މީހުން ވަނީ ސުވާލުކޮށްފައެވެ. އަދި ހަތް އަހަރު ވާންދެން މުއިއްޒު ހައުސިން މިނިސްޓަރު ކަން ކުރައްވައިގެން ބޮޑު ގެއެއް އެޅުއްވުމަށް ފަހު ރައްޔިތު މީހާ ކޮތަރު ކޮށްޓަކަށް ލުމަކީ އެއީ އިންސާފު ނޫން ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.

މާލޭގެ ގޭގޭގައި އެވްރެޖުކޮށް ހުންނާނީ 10 ފޫޓު 11 ފޫޓުގެ ކޮޓަރިތައް ކަމަށާއި އެއީ މާލެ ސަރަހައްދާ އަޅާބަލާ އިރު ކުދި ކޮޓަރި ނޫންކަމަށާ އަދި އެތަންތައް ޑިޒައިން ކުރީ އިމީޑިއޭޓް ފެމެލީ އަށް ހާއްސަކޮށް ކަމަށް މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން އަޅަން ފެށި ހިޔާ ފްލެޓުތަކުގެ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އެ 550 އަކަފޫޓުގެ ބޮޑުމިން ހުންނަ މި ފްލެޓްތަކުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގެ ކޮޓަރިއެއްގައި ހުންނާނީ 10 ފޫޓު 11 ފޫޓު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އެންމެން އެކީގައި ބޮޑު ފެމެލީއެއް އުޅެންޏާ، ކުރީ ސަރުކާރުން ހުޅުވާލި ފުރުސަތުގައި އެއް ގެއެއްގައި އުޅޭ ހުރިހާ އާއިލާތަކަށް ވެސް ފްލެޓް ދީފައި ހުންނާނެކަމަށެވެ.