ތިނަދޫގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ވެފައިވަނީ ސައިކަލު ދުއްވަންއިން އުމުރުން 20 އަހަރުގެ ޒުވާނަކަށެވެ.

އެގޮތުން ސައިކަލު ދުއްވަން އިން މީހާގެ ބޮލުގެ ކަނާތް ފަރާތުން ފަޅައިގެން ގޮސް، ކަނާތު ފައިގެ ފަލަމަސްގަނޑާއި ހިސާބުން ބިންދައިގެން ގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިއަދު ހަވިރު 16:20 ހާއިރު ހިނގި މި އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން އުމުރުން 22 އަހަރުގެ ޒުވާނާއަށް ވެސް އަނިޔާ ވެފައި ވެއެވެ. އެ ގޮތުން އެމީހާގެ މޫނު މަތިން ހަން މަށައިގެން ގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް ވެސް ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން ދާކަމަށް ފުލުހުން މައުލޫމާތު ދެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ތިނަދޫ ޗާންދަނީ މަގުގައި ޕާކް ކޮށްފާ އޮތް ޕިކަޕެއް ދުއްވާލި ވަގުތު، އެ މަގުގެ އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕުގެ ފުރޮޅުގައި ޖެހި ކޮންޓްރޯލް ނުވެގެން ގޮސް ފާރެއްގައި ޖެހިގެނެނެވެ.

ފުލުހުން ބުނާ ގޮތުގައި އެކްސިޑެންޓްވި ސައިކަލު ދުއްވަން އިނީ ލައިސެންސް އޮތް މީހެކެވެ. ތިނަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.