ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފުރަތަމަ ނައިބު ރައީސުންނަށް މުހައްމަދު ހުސައިން ޝަރީފް، އިބްރާހިމް ޝުޖާއު، މުހައްމަދު ސައީދު ގެ އިތުރުން އަހްމަދު ނިހާން އިންތިހާބު ވެއްޖެއެވެ.

މިއަދު ބިލަބޮންގް ސުކޫލުގައި ކުރިއަށްދިޔަ ޕީއެންސީގެ ފުރަތަމަ ކޮންގްރެސް ގައި އެ ޕާޓީގެ 139 މަންދޫބުން ވޯޓު ދީފައި ވެއެވެ.

ޕިއެންސީގެ ނައިބުރައީސް ކަމުގެ މަގާމަށް 5 ބޭފުޅުން ކުރިމަތި ލައްވާފައި ވެއެވެ. އެ މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންނަކީ، މުހައްމަދު ހުސައިން ޝަރީފާއި، އިބްރާހިމް ޝުޖާއު އާއި، މުހައްމަދު ސައީދު އާއި، މުހައްމަދު ނިމާލް ގެ އިތުރުން އަހްމަދު ނިހާން ހުސައިން މަނިކެވެ.

ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ވެސް ޕީއެންސީ ކޮންގްރެސް ހާއްސަ މަޖިލީހުގައި އިއުލާނު ކޮށްފައި ވެއެވެ. އެ މަގާމަށް މިއަދު އައްޔަނު ކޮށްފައި ވަނީ އާދަމް ޝަރީފް އުމަރެވެ.

ޕީއެންސީގެ ފުރަތަމަ ރައީސް ކަމަށް ވޯޓުލުމަކާ ނުލާ ހޮވިވަޑައިގެންފައިވަނީ، އެ ޕާޓީގެ ރައީސް ކަމުގެ މަގާމާ މިހާރުވެސް ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތި ލައްވާފައެއް ނުވެއެވެ.