މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ބޮންތަކެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން، އެގައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނާ އަށާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާއަށް ފޯނުން ގުޅުއްވައި، ރައީސް އިބްރާހީމް މުހައްމަދު ސާލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ރައީސް ސޯލިހް ވަނީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި، އެ މަނިކު ފާނުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ވިދާޅުވެފައެވެ. އަދި ލަންކާގެ މިހާރުގެ ހާލަތު އޮޅުންފިލުއްވާފައި ވެއެވެ.

ރާއްޖެއިން އަބަދުވެސް ސްރީލަންކާގެ ރައްޔިތުންނާއި ސަރުކާރާ އެކު ސާބިތުވެ އޮންނާނެ ކަމުގެ ޔަގީން ކަންވެސް މި ފޯނު ކޯލު ތަކުގައި ރައީސް ސޯލިހު ދެއްވާފައި ވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާ އަށް ދީފައިވާ ބޮމުގެ ހަމަލާ ތަކުގައި 253 މިހުން މަރުވި އިރު ގިނަ ބަޔަކު ވަނީ މި ހަމަލާ ތަކުގައި ޒަހަމް ވެފައެވެ. ނަމަވެސް އެއްވެސް ދިވެއްސަކަށް މި ހަމަލާ ތަކުގެ ސަބަބުން އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައެއް ނުވެއެވެ.