ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް ކަމުގެ މަގާމަށް މިހާރުވެސް އެ މަގާމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އައްޔަނުކޮށްފިއެވެ.

މިހާރު ބިލަބޮންގް އިންޓަނޭޝަނަލް ސުކޫލުގައި ކުރިއަށްދާ ޕީއެންސީގެ ފުރަތަމަ ކޮންގްރެސް ގައި އެކަން އެ ޕާޓީ އިން ވަނީ އިއުލާނު ކޮށްފައެވެ.

ޕީއެންސީގެ ރައީސް ގެ މަގާމަށް ކުރިމަތި ލައްވާފައިވަނީ އަބްދުއްރަހީމް އެކަންޏެވެ. އެހެން ކަމުން އޭނާ މި މަގާމަށް ހޮވުމަށް ވޯޓު ލާފައެއް ނުވެއެވެ. އިންތިހާބަކާ ނުލާ އަބްދުއްރަހީމް މި މަގާމަށް ހަމަޖައްސާފައިވަނީ އެ ޕާޓީގެ އަސާސީ ގަވައިދުގާ ވާގޮތުގެ މަތިން ކަމަށް ޕީއެންސީއިން ބުނެއެވެ.

މިއަދުގެ ކޮންގްރެސް ގައި ޕީއެންސީގެ ނައިބު ރައީސުންނާއި ކައުންސިލު މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވެއެވެ.