ރައީސް ކަމާ ހަވާލްވެވަޑައިގަތުމަށް ފަހު އެއްގައުމުން އަނެއް ގައުމަށް ކްރިކެޓް މެޗާ، ވޮލީ މެޗާ ބަށި މެޗާ ބައްލަވަން ވަޑައިގަތުމުން ނިމުނީ ނޫން ކަމަށް ވިދާޅުވެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުއްﷲ، މި ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ. މި ފަދަ ކަން ކަން ކުރެއްވުމުގެ އިތުރަށް ސަރުކާރުގެ ޒިންމާތަކެއް އެހެނިހެން ކަންކަމުގައިވެސް އުފުލަން ޖެހޭ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

މިރޭ ޕީޕީއެމާ އަދި ޕީއެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކަރަންޓް ޔަގީން ކޮށްދެއްވި ނަމަވެސް ރާއްޖޭގެ ބައެއް ރަށްތަކުގައި ކަރަންޓު ނުލިބި އަނދިރީގައި އުޅެން ޖެހިފައި ވާކަމަށާ، ވަޒީފާ ގެއްލުމުގެ ބިރުވެރިކަން ނައްތާލާނެ ކަމަށް ބުނި ނަމަވެސް ސަރުކާރުގެ ބައެއް ވުޒާރާތައް މި ސަރުކާރުގައި އުވާލައިފައި ވާކަމަށާ އަދި އެ ވުޒާރާ ތަކުގައި ތިބޭ މުވައްޒަފުންގެ އަދަދެއް ބެލުމެއް ނެތި ވަކި ކުރަމުން ދާކަމަށެވެ. އަދި ކުރިޔަށް މި އޮތީ ރޯދަ މަސް ކަން ވެސް ވިސްނާލުމެއް ނެތި ބައެއް ވުޒާރާތަކުގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުން ދާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިތާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ގިނަ އަދެދެއްގެ ފައިސާ ސަރުކާރުން ގެއްލުމަކީ ވެސް ކަންބޮޑުވާން ޖެހޭވަރުގެ ކަމެއް ކަމަށެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައި މިވަނީ ފެނަކައިގެ ހދ. އަތޮޅުގެ ރީޖަނަލް އޮފީސް އުވާލައި، އެއޮފީހުގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ ސަބަބުނެ ގިނަ ބަޔަކު އެކަމާ ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ބޯފެން ލިބޭނެ ގޮތް ހުރިހާ ރަށެއްގައި ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވީނަމަވެސް މިކަންވެސް މިހާރުގެ ސަރުކާރަށް ކޮށްދެވިފައި ނުވާކަމަށެވެ. އަދި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރިމަތިލާ ޕާޓީން ވަކި ވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް އޮތް ބިލު އުވާލުމަކީ މިސަރުކާރުން ކޮށްފައިވާ ކަންކަން ނަމަވެސް, މި ސަރުކާރުގެ އަލުން މިކަންތައް ކުރީގައިވެސް އޮތް ގޮތަށް ބަދަލު ކުރާނެ ކަމަށް ބައެއް މެންބަރުގެ ވާހަކަފުޅުތައް ހުރި ގޮތުން ސާބިތުވާކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވި ނަމަވެސް، މި ސަރުކާރުން ބުނަމުންދަނީ މިހާތަނަށް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ބޮޑު ޕަސެންޓެއް ހާސިލްވެފައި ވާކަމަށެވެ.