ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަދި ގާނޫނީ ވަކީލް މޫސާ ސިރާޖު ސުޕްރީމް ކޯޓަށް ފާޑުވިދާޅުވުމުން، އެ ކޯޓަށް ހާޒިރުވުމަށް އަންގައިފިއެވެ.

ސިރާޖު ވިދާޅުވީ މިއަދު މެންދުރު 3:00 ޖަހާ އިރު، ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އޭނާއަށް ޗިޓް ފޮނުވާފައިވާ ކަމަށެވެ. ސިރާޖު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ، މި މަހުގެ 23 ވަނަ ދުވަހު އޭނާ ކުރެއްވި ޓްވީޓަކާއި ގުޅިގެން ކަމަށް ބެލެވެއެވެ. އެ ޓްވީޓުގައި ސިރާޖު ވިދާޅުވެފައިވަނީ ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށެވެ. އަދި ހާއްސަކޮށް ސުޕްރީމް ކޯޓުގައި ތިއްބެވި "ކޮރަޕްޓް" ފަނޑިޔާރުން ވަކިކޮށްގެން ކަމަށާއި، ފަނޑިޔާރުގެ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލިސް ތެރެއިން ކުރައްވަން ޖެހުނު ކޮންމެ ކަމެއްގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ކޯޓަށް ހާޒިރުވުމުގެ ޗިޓާއެކު މިއަދު ސިރާޖް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދުވާލަކު ދެ ފަހަރު ސުޕްރީމް ކޯޓަށް ހާޒިރު ކުރިޔަސް، ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ފަނޑިޔާރުން ވަކިކޮށްގެން ކަމަށް ބުނާ ބުނުން ބަދަލެއް ނުކުރައްވާނެ ކަމަށެވެ. އަދި އިންސާފުވެރި ފަނޑިޔާރު ގެއެއް ބިނާކުރަން ކުރައްވާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ޖެހޭކަމަށް ސިރާޖް ކުރެއްވި ޓްވީޓާއި ގުޅިގެން އޭނާ މިއަދު ކޯޓަށް ހާޒިރުކުރައްވާ އިރު، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާ ވެސް ވަނީ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާނެއް ނަގާފައެވެ.

ސުއޫދު ވަނީ ފަނޑިޔާރުންގެ އިތުރުބާރެއް ނެތް ކަމަށާއި، ހުރިހާ ފަނޑިޔާރުން ވަކިކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އެ ފަނޑިޔާރުންނާއި ގުޅޭގޮތުން ރައްޔިތުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދެއްވާ އެ މައްސަލަަތައް ބަލަން ޖެހޭނެ ކަމަށް ވެސް ސުއޫދު ވިދާޅުވިއެެވެ.

ސިރާޖަކީ ފަނޑިޔާރުގެ އިސްލާހުކުރަން ޖެހޭކަމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. މީގެ ކުރިން ވެސް ފަނޑިޔާރު ގެއަށް ފާޑުވިދާޅުވި މައްސަލައިގައި ކޯޓުތަކުގައި އޭނާ ވަކާލާތު ކުރެއްވުމުގެ ހުއްދަ ހިފެހެއްޓިއެވެ.