ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މަޖިލީހަށް ވަނުމުން ހައްޔަރުކުރި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ދޮޅު އަހަރު ފަހުން ބާއްވަން ޗިޓް ފޮނުވުމުން، އިންސާފު ކޮބައިތޯ އޭނާ ސުވާލު އުފައްދަވައިފިއެވެ.

ސައުދުގެ ބަންދުކުރި މައްސަލައިގެ ޝަރީއަތް ނިމި، އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިތާ އެތައް ދުވަހެއް ވެފައިވަނިކޮށް މިއަދު ހެނދުނު 9:40 ގައި ވަނީ ސައުދު ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ތާވަލުކޮށްފައެވެ.

މި މައްސަލައިގައި ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ސަރުކާރުން މަޖިލިސް ހިސޯރުކުރުމުން ގެއްލިގެން ދިޔަ ރައްޔިތުންގެ ހައްގުތައް ހޯދުމަށް މަޖިލީހަށް ވަނުމަށް ޖުލައި 28، 2017 ވަނަ ދުވަހު އޭނާ ޖަލުގައި ބަންދު ކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާގް ކުރުމުން، 19 މަސްދުވަސް ފަހުން ބަންދާ މެދު ގޮތެއް ނިންމުމަށް ހައިކޯޓުގައި ޝެޑިއުލްކޮށްފައިވާ ކަމަށެވެ. އަދި އިންސާފުކޮބައިތީ ސައުދު ވަނީ ސުވާލުކުރައްވާފައެވެ.

ގޮނޑި ގެއްލިއްޖެކަމަށް ކުރިން އީސީން ކަނޑައަޅާފައިވަނިކޮށް މަޖިލީހުގެ އިދާރާއަށް ވަތް މައްސަލައިގައި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވެސް އޭރު ހައްޔަރު ކުރިއެވެ. އެކަމަކު އެ ދެ މެމްބަރުން ވަނީ މައްސަލަ އަނބުރާ ނަންގަވާފައެވެ.

ސައުދުގެ ބަންދުގެ މައްސަަލައިގެ އިސްތިއުނާފް ޝަރީއަތް ހައިކޯޓުގައި ތާވަލްކޮށްފައިވާ އިރު، މީގެ އެތަކެއް ދުވަހެއް ކުރިން އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ.