18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ހަމަވުމުން އިތުރު އިނާޔަތެއް ބޭނުންވެ ނުލައްވާކަމަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
އަނާރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިތުރު އިނާޔަތެއް މި ދައުރު ހަމަވުމުން ބޭނުންވެ ނުލައްވާ ކަމަށެވެ. އަދި މެންބަރު ކަމުގައި ހުންނެވި އިރު ލިބިލެއްވި މުސާރަވެސް ހޭދަކުރައްވާފައި ވާނީ ދާއިރާއާއި ރައްޔިތުންގެ ހައްގުގައި ކަމަށް އަނާރާ ވިދާޅުވިއެވެ.
އާނާރާ އަކީ 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބަށް އަދާލަތު ޕާޓީގެ ފަރާތުން ހޮވިވަޑައިގެން ހަމައެކަނި މެންބަރެވެ. ނަމަވެސް މި އަހަރު ބޭއްވި މަޖިލިސް އިންތިހާބުން އަނާރާ އަށް ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.
އެމްޑީޕީ މެންބަރުގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވެސް އެމްޑީޕީން މި ބިލަށް ތާއިދު ނުކުރައްވާ ކަމަށާއި އެމްޑީޕީގެ ފަރާތުން މި ބިލަށް ވިޕްލައިނެއް ނެރުއްވާނެކަމަށް ވިދާޅުވެފައި ވެއެވެ. މި ބިލަށް ތާއިދު ނުކުރައްވާ ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޔާޒު ވެސް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 14 ވަނަ ޖަލްސާގައި މި ބިލްތައް މަޖިލީހަށް ހުށަހެޅުއްވީ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އާއި ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަދި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދެވެ. މީގެތެރެއިން މެންބަރުންނަށް ލިބޭ އިނާޔަތްތައް އިތުރުކުރުމަށް ހުށަހަޅުއްވާފައިވާ ބިލް އަނބުރާ ނެންގެވުމަށް މުސްތަފާ ވަނީ ނިންމަވާފައެވެ. އެއީ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބެން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށް ހުށަހެޅުއްވި ބިލެކެވެ.
ނަމަވެސް ދިއްދޫ ދާއިރާގެ މެންބަރާއި ވެލިދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންދަވާފައެއް ނުވެއެވެ. އެގޮތުން އަބްދުއްލަތީފް ވަނީ މެންބަރުކަން ކޮށްފައިވާ މީހުންނާއި އެމީހުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބިދޭން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރުމަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. އަދި މެންބަރުކަން ކުރި މީހުންނާއި އެމީހުންގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭގޮތަށް ބަދަލު ގެންނަން ވެސް އަބްދުއްލަތީފް ވަނީ ބިލެއް ހުށަހަޅުއްވާފައެވެ.
އޭގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ވަނީ ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި އިނާޔަތް ނުލިބޭނެ ކަމަށް ބުނާ މާއްދާ އުވާލަން ހުށަހަޅުއްވައިފައެވެ.