ފަނޑިޔާރުގެ އިސްލާހުކުރުމަށް ވާހަކަދައްކާ ފަރާތްތަކަށް ސުޕްރީމް ކޯޓުން ބިރުދައްކަނީ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބުނީ ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައި ނުވާ ކަންކަމުގައި، ސްޕްރީމް ކޯޓަށް ހާޒިރުކޮށް މައްސަލަ ބަލަން ފެށުމަކީ ބިރުދެއްކުން ކަމަށެވެ. ހަމައެއާއެކު ފަނޑިޔާރުގެއާ މެދު ހިޔާލު ފާޅުކުރުމުގެ ސަބަބުން މީގެ ކުރިން ވެސް އެކި ފަހަރުމަތިން ސްޕްރީމް ކޯޓުން ވަނީ ގާނޫނީ ވަކީލް ހުސްނުއް ސުއޫދާއި އަދި އެތަކެއް ގާނޫނީ ވަކީލުން ސަސްޕެންޑް ކޮށްފައި ކަމަށް އެ ޕާޓީން ބުނެއެވެ.

ސުއޫދު ރާއްޖެޓީވީ ޕްރޮގްރާމެއްގައި ދައްކަވާފައިވާ ވާހަކަ އަކީ ފަނޑިޔާރުގޭގައި ހުރި މައްސަލަތަކާއި ސާބިތުވާން ހުރި މައްސަލަތަކުގެ މައްޗަށް ތެދު ނިޔަތުގައި ދެއްކެވި ވާހަކަ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ގާނޫނާ އެއްގޮތަށް ދެފުށް ފެންނަ ގޮތަށް ހުރިހާ އިޖްރާއަތްތަކެއް ފުރިހަމަ ކުރުމަށް ފަހުގައާއި، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހުގައި މެނުވީ ފަނޑިޔާރުން ވަކިކުރެވިގެން ނުވާނޭކަމަށް އޭނާ ބާރުއަޅުއްވާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

ސްޕްރީމް ކޯޓަށް ސުއޫދު ހާޒިރުކޮށް، މައްސަލަ ބަލަން ފެށި ފެށުމާ މެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ މިއަދު ސުއޫދު ކޯޓަށް ހާޒިރުކުރުމާ ގުޅިގެންނެވެ. މިއަދު ސުޕްރީމް ކޯޓަށް ސުއޫދު ހާޒިރުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ އިތުބާރު ކުރެވޭ ފަނޑިޔާރުންތަކެއް ނޫންކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާ ބެހޭގޮތުން ސުވާލު ކުރުމަށެވެ.

މިއަދު ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ފަހު ކޯޓުން ނިކުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ، ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ދެއްކެވި ވާހަކަތަކާ ބެހޭގޮތުން ސުޕްރީމް ކޯޓުން ސުވާލު ކުރީ އެއީ ވަކި ނަތީޖާއެއް ހޯދަން ދެއްކެވި ވާހަކައެއްތޯ ބެލުމަށް ކަމަށެވެ.

"އަޅުގަނޑު ދެންނެވިން މަގުސަދެއް ނެތޭ، ހިޔާލުފާޅުކުރުމުގެ މިނިވަން ކަމޭ ބޭނުންކުރީ. އެއީ އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން ދެއްކި ވާހަކައެއް ކަން ފާހަގަކުރީ" ސުއޫދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބެލުމަށް ނިންމާ ސުއޫދު ކޯޓަށް ހާޒިރުކޮށްފައި ވަނީ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާބެހޭ ގަވާއިދާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދުގެ ދަށުންނެވެ.