ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކުރީ، އެ ކޯޓާ ބެހޭގޮތުން ވާހަކަ ދެއްކި ސަބަބު އޮޅުން ފިލުވަން ބޭނުންވެގެން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މިއަދު 1:15 އަށް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް ސުއޫދަށް އެންގީ މިދިޔަ ހޯމަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ އިތުބާރު ކުރެވޭ ފަނޑިޔާރުންތަކެއް ނޫންކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާ ބެހޭގޮތުން ސުވާލު ކުރުމަށެވެ.

ކޯޓަށް ހާޒިރުވެ ވަޑައިގަތުމަށްފަހު، ކޯޓުން ނިކުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ، ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ދެއްކެވި ވާހަކަތަކާ ބެހޭގޮތުން ސުޕްރީމް ކޯޓުން ސުވާލު ކުރީ އެއީ ވަކި ނަތީޖާއެއް ހޯދަން ދެއްކި ވާހަކައެއްތޯ ބެލުމަށް ކަމަށެވެ.

"އަޅުގަނޑު ދެންނެވިން މަގުސަދެއް ނެތޭ، ހިޔާލުފާޅުކުރުމުގެ މިނިވަން ކަމޭ ބޭނުންކުރީ. އެއީ އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން ދެއްކި ވާހަކައެއް ކަން ފާހަގަކުރީ" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ، އެ ޕްރޮގްރާގައި ދެއްކި ވާހަކަ މިހާރުވެސް ފެންނަން ހުންނާނެ ކަމަށްވެސް ސުޕްރީމް ކޯޓުގައި ވިދާޅުވި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް 'ހިތަށް އެރި ކޮންމެ ފަހަރަކު' ގާނޫނު އަސާސީން ލިބިފައިވާ އެ ހައްގުގެ ބޭނުން ކުރައްވާނެ ކަމަށާއި ހުރިހާ ރައްޔިނުންނަށް ގާނޫނު އަސާސީން ދީފައިވާ އެ މިނިވަންކަމުގެ ބޭނުން ނުހިއްޕަވައި އަމިއްލައަށް ތަޅު ލެވިގެން ހުންނެވުމަކީ ވަރަށް ހެއްވާ ކަމެއް ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބެލުމަށް ނިންމާ ސުއޫދު ކޯޓަށް ހާޒިރުކޮށްފައި ވަނީ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާބެހޭ ގާވާއިދާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގާވާއިދުގެ ދަށުންނެވެ.