ޓެރަރިޒަމްއާއި ގުޅުންހުރި އެކިކަހަލަ ކުށުގައި ސައުދީ އަރަބިއްޔާއިން 37 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާއެކު، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން އެކަމާ ދެކޮޅަށް އަޑުއުފުލަން ފަށައިފިއެވެ.

މިއީ ފާއިތުވީ 3 އަހަރު ދުވަހުގެ ތެރޭގައި ސައުދީއިން މިފަދަ ކަމެއް މިހާ ބޮޑުކޮށް ކުރި ފުރަތަމަ ފަހަރެވެ.

ސައުދީއިން ވަނީ މަރުގެ ހުކުމް ތަންފީޒުކުރި މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑާ، ބުރިކޮށްލާފައިވާ ބޯބުރި، އާންމުކޮށް ފެންނާނެހެން ދަނޑިއަކަށް ނަގާފައެވެ. އެއީ، އެހެން މީހުންނަށް އިބުރަތެއްގެ ގޮތުގައި ކުރި ކަމެއް ކަމަށް ސައުދީން ބުނެއެވެ.

ޓެރަރިޒަމްގެ ކުށުގައި ސައުދީން އަންގާރަ ދުވަހު މަރާލާފައިވާ މީހުންގެ ތެރޭގައި ގިނައީ ޝީޢީން ކަމަށް ޚަބަރު ލިބެއެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނީ، ސައުދީގައި މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ ބިރުދައްކާ، ލާއިންސާނީ އަނިޔާކޮށްގެން ކުށަށް އިއުތިރާފުވީ ބައެއްގެ މައްޗަށް ކަމަށެވެ.

ސިޔާސީ މުރާސިލުން ސިފަކުރާ ގޮތުގައި އަންގާރަ ދުވަހު ސައުދީގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ހިންގި ހަރަކާތަކީ ސައުދީގެ ހަތުރެއްގެ ގޮތުގައި އޮތް އީރާނަށް ދިން ވަރުގަދަ މެސެޖެކެވެ.

އާންމުންގެ ހާޒިރުގައި 37 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ، އެފަދަ ކުށްތަކަށް އަރައިގަތުން ހުއްޓުވުމަށް ކަމަށް ބުނެ، ސައުދީގެ ސަރުކާރުން ވަނީ ދިފާއު ހޯދާފައެވެ.

ޓެރަރިޒަމްގެ ކުށުގައި ބައެއްގެ މައްޗަށް ސައުދީއިން މަރުގެ ހުކުމް ތަންފީޒު ކޮށްފައި ވާ މިދަނޑިވަޅަކީ، ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާއެއްގެ ހިތްދަތިކަން، ސްރީލަންކާއިން ތަހައްމަލު ކުރަމުންދާ ދަނޑިވަޅެކެވެ.