2018 ވަނަ އަހަރު ނިމިގެންދިޔައިރު މުޅި ދުނިޔެ ހަމަ ޖެހުމުގެ ނޭވާއެއް ލީ، ސޫރިޔާއާއި އިރާގުން އައިސިސް ބަލިކުރެވިފައިވާކަމަށް ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ ލީޑަރު ޑޮނާލްޑް ޓްރަމްޕް ވިދާޅުވުމާއެކުގައެވެ. ނަމަވެސް ސަލާމާތާ އަމާންކަމާ ބެހޭ ޖާސޫސީ ތަޖުރިބާކާރުން އޭރުވެސް ބުނަމުންދިޔައީ އައިސިސްގެ ނުރައްކާ އަދިވެސް ދުނިޔެއަށް އެބައޮތްކަމަށެވެ. މި ހިޔާލު ތަފާތުވުންތަކުގައި އެމެރިކާގެ ދިފާއީ ވުޒާރާގެ އިސް މަގާމުތަކަށްވެސް ބޮޑެތި ލޮޅުންތަކެއް އެރިއެވެ. އައިސިސްގެ ބާރު މުޅި ސޫރިޔާއިންވެސް ކަނޑުވާލެވިއްޖެކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރިތާ މަހެއްހާ ދުވަސްވެސް ނުވަނީސް އަނެއްކާވެސް އައިސިސްއިން މިވަނީ ޚަބަރުތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދާފައެވެ. މިފަހަރު، މި ކުޑަކުޑަ ދިވެހިރާއްޖެއާއި މާ ދުރު ނޫން ހިސާބަކުންނެވެ. ޖެހިގެން ހުރި ގޭގެ ދޮރުގައި ޖަހާލި ޓަކި، އިވޭހާ ގާތުންނެވެ.

ސްރީލަންކާއަށް ބޮމުގެ ހަމަލާތައް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި އައިސިސްގެ ހަނގުރާމަވެރިޔާ ޒަހްރާން ހާޝިމް/ފޮޓޯ: އެންވައިޕީ

އާދީއްތަ ދުވަހު ސްރީލަންކާ ސިއްސުވާލި ބޮމުގެ ވަރުގަދަ ހަމަލާތަކުގެ ޒިންމާ އައިސިސް ޖަމާއަތުން އުފުލާފައިވާއިރު، މިއީ އެ ޖަމާއަތުން ގާއިމުކުރިކަމަށް ވަކާލާތު ކުރާ "ޚިލާފަތު"ގެ އިމުގެ ބޭރުންވެސް މުޅި ދުނިޔެ ގުޑުވާލުމުގެ ގާބިލުކަން އެ ޖަމާއަތަށް ލިބިފައިވާކަން ސާބިތުކޮށްދޭ ހެއްކެކެވެ. ޖިއޮގްރަފީ ގޮތުން އައިސިސްގެ ޚިލާފަތަށް ބިމެއް ނެތެއް ކަމަކު، މިވަގުތު ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި ހަނގުރާމަވެރި ޖަމާއަތަކީ އަދިވެސް އައިސިސް އޭ ބުނެވިދާނެ ކަމަށް ޓެރަރިޒަމްގެ ތަޖުރިބާކާރުން އިއްތިފާގުވެއެވެ.

ސްރީލަންކާގެ ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 320 އަށްވުރެ މައްޗަށް އަރާފައިވަނިކޮށް އައިސިސްގެ ލީޑަރަކު ވީޑީއޯއެއް އާންމުކުރިކަން މިއަދު ނޭނގޭނެ މީހަކު ނުހުންނާނެއެވެ. ލީޑަރު ފިޔަވާ ދެންތިބި މީހުންނަކީ މޫނު ނިވާ ކޮށްގެން ތިބި ބަޔަކަށް ވީ ނަމަވެސް އެ 7 މީހުންނަކީ ސްރީލަންކާގައި ބޮންތައް ގޮއްވާލި މީހުން ކަމަށް ބުނެވިދާނެއެވެ. އައިސިސްގެ މީޑިއާ މެދުވެރިކޮށް އާންމުކުރި ވީޑިއޯއިންވެސް ފެނިގެންދަނީ އައިސިސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީއަށް އެމީހުން ބައިޔަތު ހިފާ މަންޒަރެވެ. އައިސިސްއިން ބުނާ ގޮތުގައި ލަންކާއަށް ދިން ހަމަލާއަކީ ނަސޯރާއިންނާ، ކޯލިޝަން ގައުމުތަކަށް ދިން ހަމަލާއެކެވެ.

ސްރީލަންކާއަށް ބޮމުގެ ހަމަލާތައް ދިން ގުރޫޕުން އައިސިސްގެ ލީޑަރަށް ބައިޔަތު ހިފަނީ/ފޮޓޯ: ޑީއެމް

ސްރީލަންކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އާދީއްތަ ދުވަހުގެ ހަމަލާތަކުގައި ހަރަކާތްތެރިވީ ސްރީލަންކާގައި ހަރަކާތްތެރިވާ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތުންނެވެ. ބުދިސްޓުންގެ ފަޅިތަކަށް ގެއްލުން ދިނުން ފިޔަވާ މި ޖަމާއަތަމުގެ ވާހަކައެއް މީގެ ކުރިން އަޑުއެހި މީހަކު މަދެވެ.

ޓެރަރިޒަމްގެ ހަމަލާތައް ދިރާސާކުރާ ޖަމިއްޔާއެއް ކަމަށްވާ ސައިޓްގެ ބާނީ ރީޓާ ކާޓްޒް ބުނާ ގޮތުގައި، އައިސިސްގެ ނެޓްވާކަށް މީހުން ރެކްރޫޓުކުރަމުންދަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުންނެވެ. އެހެންކަމުން، އައިސިސްއަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންގެ ބެލެނިވެރި "ކުންފުނި" ކަމުގައިވެސް ބުނެވިދާނެއެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުން މިހާރު ދަނީ އައިސިސްއިން ސްރީލަންކާއަށް ހަމައަށް ރެކްރޫޓިންގް އޮޕަރޭޝަންތައް ފުޅާ ކުރި ގޮތެއް ދިރާސާކުރަމުންނެވެ. އެންމެ ބޮޑު ސަމާލުކަމެއް އަމާޒުވަނީ ސްރީލަންކާ ދޫކޮށް އިރާގާއި ސޫރިޔާގައި ހަނގުރާމަ ކުރުމަށް އައިސިސްއާއި ގުޅިގެން ދިޔަ 40 މީހަކަށެވެ. ބެލެވޭ ގޮތުގައި ހަމަލާދީ، ބޮންގޮއްވުމުގެ އުކުޅުތައް މިމީހުން ދަސްކުރީ އައިސިސްގެ ނަމުގައި މެދުއިރުމަތީގައި ހަނގުރާމަ ކުރި ދުވަސްވަރުގައި ކަމަށްވެސް ވެދާނެއެވެ.

މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދެއްކެވި ސްރީލަންކާގެ އޮފިޝަލަކު ވިދާޅުވީ، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން އައިސިސްއަށް ހަނގުރާމަވެރިން ރެކްރޫޓުކުރަމުންދާ ކަމަށާ، އައިސިސްގެ މައި ހަބަކަށް ސްރީލަންކާގެ ވެދާނެ ކަމުގެ އިންޒާރު އެމެރިކާއިން 2017 ވަނަ އަހަރު ސްރީލަންކާއަށް ދީފައިވާކަމަށެވެ. ވީއިރު، ސްރީލަންކާއިން އެކަމާ ދެކޮޅަށް އެޅީ ކޮން ފިޔަވަޅެއްތޯ މިއަދު ސުވާލުކުރެވިދާނެއެވެ.

އާދީއްތަ ދުވަހުގެ ހަމަލާތަކާ ބެހޭ އެއްވެސް އިންޒާރެއް ނުވަތަ އިޝާރާތެއްވެސް އެމެރިކާގެ ޖާސޫސީ އޮފިޝަލުންނަށް ލިބިފައި ނުވާކަމަށް، އެމެރިކާއިން ސްރީލަންކާއަށާ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޓްޒް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އާދީއްތަ ދުވަހުގެ ހަމަލާތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވީ އައިސިސްއިން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާ، އެ ކަމެއް ރޭވި، ތަމްރީނު ވެފައިވަނީ ފިލިޕީންސް ނުވަތަ އެފަދަ ގައުމެއްގައި އޮތް އައިސިސްގެ މަރުކަޒަކުންކަމަށް ލަފާކުރެވޭ ކަމަށްވެސް އެމެރިކާގެ ސަފީރުވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާގެ ވެރިކަމުގައި ޓެރަރިޒަމްއާއި ދެކޮޅަށް މަސައްކަތްކުރެއްވި އިސް އޮފިޝަލެއް ކަމަށްވާ ނިކޮލާއި ރަސްމުސަން ވިދާޅުވާ ގޮތުގައި، ސޫރިޔާއިން އައިސިސް ބަލިކޮށްލުމަކީ އައިސިސްގެ ނިމުން ކަމުގައި ބެލެވޭކަށް ނެތެވެ.

އައިސިސްގެ ނުފޫޒު މެދުއިރުމަތީގައި އެންމެ ގަދަވި ދުވަސްވަރު ދުނިޔޭގެ ހުރިހާ ހިސާބަކުންހެން އެ ޖަމާއަތަށް މީހުން ރެކްރޫޓުކުރަމުން ދިޔަކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ސޫރިޔާއިން އައިސިސްގެ ބާރު މުޅިން ކަނޑުވާލެވިފައިވާއިރު، އަމިއްލަ ވަޒަން ދޫކޮށް އައިސިސްއާއި ގުޅުނު ކިތަންމެ ބަޔަކު މިހާރު ދަނީ އަމިއްލަ ގައުމަށް އެނބުރިދާން ބޭނުންވާކަމަށް ބުނަމުންނެވެ. ނަމަވެސް އެ ފަދަ ފަރާތްތަކަކީ އައިސިސްގެ ނުރައްކާތެރި އުކުޅުތައް ގާތުން ތަޖުރިބާކޮށް، ދުނިޔެ ދުށް އެންމެ ނުރައްކާތެރި އެއް ޓެރަރިސްޓް ކަމަށްވާ ބަޣުދާދީއަށް ބައިއަތު ހިފާފައިވާ ބަޔަކަށްވާއިރު، އެފަދަ ބަޔަކަށް ހިމާޔަތް ދިނުމުގައި ދެވަވިސްނުމަކަށް ދާންޖެހެއެވެ. މި ފިކުރުގައި ވިލާތުގެ ބައެއް ގައުމުތަކުން ވަނީ އައިސިސްއާއި ގުޅުން އެ ގައުމުތަކުގެ ރައްޔިތުންގެ ރަށްވެހިކަން ބާތިލުކޮށް، އަނބުރާ ގައުމަށް ނާދެވޭ ގޮތް ހަދާފައެވެ. އައިސް ދިދަ ހިފައިގެން ނައެއް ކަމަކު، ނޭނގިނަމަވެސް ޓެރަރިސްޓުނަށް ދޮރު ހުޅުވާލަ ދިނުމުގެ ހިތި މަންޒަރުތައް އޭޕްރިލް 21 ވީ އާދީއްތަ ދުވަހު ސްރީލަންކާއިން ފެނިގެން އެދިޔައީކަން މިއަދު މުޅި ދުނިޔެވެސް ގަބޫލުކުރާނެއެވެ.