ސްރީލަންކާ ހިމެނޭ ސަރަހައްދުގެ މޫސުން ގޯސްވެދާނެ ކަމުގެ އިންޒާރު، ކަމާ ބެހޭ ފަރާތްތަކުން މީގެ ގަޑިއެއް ހާއިރު ކުރިން ދީފިއެވެ.

ބޭ އޮފް ބެންގޯލް ސަރަހައްދުގައި ލޯ ޕްރެޝަރު އުފެދިފައިވަނީ ސްރީލަންކާއާ ވަރަށް ކައިރިން ކަމަށާ، އެ ލޯޕްރެޝާ ޓްރަފް ދަތުރުކުރާނެ މިސްރާބު އަދި މުޅިން ކަށަވަރު ނުވާކަމަށް މޫސުން ކުރިއަށް ލަފާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ލޯ ޕްރޭޝާ ޓްރަފްގެ އަސަރު ސްރީލަންކާ، އިންޑިއާ އަދި މިޔަންމާއަށްވެސް ކުރުން އެކަށީގެންވާކަމުގެ އިންޒާރު ސްރީލަންކާގެ މޫސުމާ ބެހޭ ތަޖުރިބާކާރުން ވަނީ ދީފައެވެ. ކުރިއަށް އޮތް ދުވަސްތަކަކީ ބޯކޮށް ވިއްސާރަކުރާނެ ދުވަސްވަރެއް ކަމަށާ، އާންމު ރައްޔިތުންގެ އިތުރުން މަސްވެރިންނާ ކަނޑުގެ އަސްކަރިއްޔާވެސް މިކަމަށް ސަމާލުވެ އޮތުމަށް މޫސުމާ ބެހޭ ތަޖުރިބާކަރުން ވަނީ ގޮވާލާފައެވެ.

ސްރީލަންކާގެ އެކި ހިސާބުތަކަށް ރޭވެސް ވަނީ ވިދާ، ގުގުރާ، ބޯކޮށް ވާރޭ ވެހިފައެވެ.

އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އިއުލާން ކުރި ކާފިއު ނިމުމަކަށް ގެނެސް، އާންމު އުސޫލުން ބަހާ ރޭލުގެ ހިދުމަތް މިހާރު ވަނީ ދޭން ފަށާފައެވެ.