މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ އެކައުންޓު ތަކުގައި 2015 ވަނަ އަހަރު ހުރި ފައިސާއަކީ އެ ކުންފުނީގެ އެކައުންޓް ތަކުގައި އަސްލު ހުންނަންޖެހޭ ފައިސާގެ އަދަދުކަން ކަށަވަރު ނުވާކަން އޮޑިޓް އޮފީހުން މިއަދު އާންމު ކުރި އެ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަ ވެއްޖެއެވެ.
އެ އޮޑިޓް ރިޕޯޓުގައި ވާގޮތުން ބެންކުގައި އެކުންފުނީގެ 57 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުއްޓެވެ. އެހެން ނަމަވެސް އެ ފައިސާއަކީ އަސްލު އެކައުންޓުތަކުގައި ހުންނަންޖެހޭ އަދަދު ކަމެއް ކަށަވަރު ކުރެވިފައެއް ނުވެއެވެ. އެ ރިޕޯޓުގައި ވާގޮތުން އެމްއެމްޕީއާރްސީއިން އެއަހަރު ގިނަ ކުންފުނި ތަކާއެކު ރަށް ވިއްކުމުގެ އެއްބަސްވުންތަކެއް ވެފައި ވެއެވެ. އެކަމަކު އެ މުއާމަލާތްތަކާ ގުޅުން ހުރި ހުރިހާ ލިޔެކިޔުމެއް ލިބިފައި ނުވާތީ އޭގައި ހިމެނޭ 3 ބިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ރަނގަޅު އަދަދުކަން ކަށަވަރު ނުވާކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ.
މީގެ އިތުރުނެ ވެސް އެމްއެމްޕީއާރްސީން އެ އަހަރު ހިންގާފައިވާ ގިނަ މުއާމަލާތްތަކެއް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އެ ގޮތުން އެއަހަރު އެ ކުންފުންޏަށް ލިބުނު ފައިސާއާ، ކުންފުނީގެ ފަރާތުން އެހެން ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދުވެސް ކަށަވަރު ކުރެވިފައެއް ނުވެއެވެ. އަދި އެ ކުންފުނީގެ ސޭލްސް އާއި ކޮސްޓް އޮފް ސޭލްސް ގެ އިތުރުން ޖީއެސްޓީގެ އާ ގުޅުންހުރި ރިކޯޑުތައްވެސް އޮޑިޓްގައި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
އޭގެ ސަބަބެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ފައިސާ ގެ މުއާމަލާތް ތަކާ ގުޅުން ހުރި ގިނަ ލިޔެ ކިޔުން ތަކެއް އެމްއެމްޕީއާރްސީގެ ފަރާތުން ލިބިފައި ނުވާތީ ކަމަށެވެ.
އެމްއެމްޕީއާރްސީއަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ހިންގި ކުންފުންޏެކެވެ. އެކުންފުނީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަން ރުފިޔާ އަމިއްލަ ކުންފުންޏެއް ކަމަށް ވާ އެސްއޯއެފް ގެ އެކައުންޓަށް ޖަމާ ކޮށްފައި ވާކަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަހަރުގެ ފެބްރުއަރީ މަހު އާންމު ކުރި ތަހުގީގުގެ ރިޕޯޓުން ހާމަވެފައި ވެއެވެ.
އެ ހިޔާނާތާ ގުޅިގެން ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެ މައްޗަށް ދައުވާކޮށް ދިގު މުއްދަތެއްގެ ޖަލު ހުކުމް ތަކެއް ކޮށްފައި ވެއެވެ.