ހަމަލާތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުޅިންވެސް ލަންކާ ރައްޔިތުން ކަމަށާ ސްރީލަންކާ އަދިވެސް އޮތީ ނުރައްކަލުގެ ތެރޭގައި ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.
ދާދި ދެންމެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރަނީލް ވިދާޅުވީ، އާދީއްތަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކުގައި ދިން ބޮމުގެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ނެޓްވާކެއްގެ ދަށުން ތަމްރީނު ނުހޯދާ، ދެވޭނެ ވަރުގެ ހަމަލާތަކެއް ނޫންކަމަށެވެ.
ހަމަލާތަކާ ގުޅިގެން އަންގާރަ ދުވަހުގެ ހަވީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރަނީލް ވިދާޅުވީ، ކަމާ ބެހޭ ޖާސޫސީ މައުލޫމާތު ކުރިން ލިބިފައި އޮތް ނަމަ، އާދީއްތަ ދުވަހުގެ ހަމަލާތައް ހުއްޓުވުނީސްކަމަށެވެ. މައުލޫމާތު ބަދަލުކުރުމުގައި މެދުކެނޑުންތަކެއް ކުރިމަތިވީ ކަމަށާ، އެހެން ނޫންނަމަވެސް ހަމަލާތަކާ ދެކޮޅަށް ފިޔަވަޅެއް އެޅުނީސްކަމަށްވެސް ރަނީލް ވަނީ ވިދާޅުވެފައެވެ.
ހަމަލާތަކާ ގުޅިގެން 30އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، ސުވާލު ކުރަމުން ދަނީ މުޅިންވެސް ސްރީލަންކާގެ ރައްޔިތުންނާ ކަމަށްވެސް ރަނީލް ވަނީ ވިދާޅުވެފައެވެ.
ތަހުގީގު ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ބޮޑުވަޒީރު ރަނީލް ވިދާޅުވީ، ހަމަލާތަކުގެ ފަހަތުގައި ތިބި ފަރާތްތައް ދެނެގަނެ، ހޯދުމުގެ މަސައްކަތް އެދެވޭ ގޮތަކަށް ކުރިއަށްދާކަމަށާ، ގިނަ ގައުމުތަކަކުން މިހާރުވެސް ސްރީލަންކާއަށް އެއްބާރުލުން ދެމުންދާކަމަށެވެ.
އާދީއްތަ ދުވަހުގެ ހަމަލާއަކީ ކްރައިސްޓްޗާޗް ހަމަލާގެ ރައްދުގައި ދެވުނު ހަމަލާއެއް ކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ރަނީލް ވިދާޅުވީ، އެކަން އެހެން ހިނގުމުގެ ފުރުސަތު އެބައޮތް ކަމަށާ، ނަމަވެސް ކަނޑައެޅިގެން އެ ފަދައިން އަދި ދެންނެވެން ނެތްކަމަށެވެ. އެކަމާ ބެހޭ ގޮތުން ކަނޑައެޅިގެން ވަކި އެއްޗެއް ދަންނަވަން އެނގިވަޑައިގަންނަވާނީ، ތުހުމަތުގައި ހައްޔަރުކުރެވިފައިވާ ފަރާތްތަކާ ސުވާލުކުރައްވަމުންގެންދަވާ ފުލުހުންނަށް ކަމަށްވެސް ސްރީލަންކާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.
ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާއާއި ހިޔާލުތަފާތުވެވަޑައިގަންނަވާ ކަންތައްތަކެއް އެބަހުރި ކަމަށާ، ނަމަވެސް މިވަގުތު އެންމެ މުހިންމު ކަމަކީ އާދީއްތަ ދުވަހުގެ ހަމަލާތަކުގެ ފަހަތުގައި ތިބި ފަރާތްތައް ހޯދާ، ހައްޔަރުކުރުން ކަމަށް ރަނީލް ވިދާޅުވިއެވެ. ހިޔާލު ތަފާތުވުންތަކެއް ހުރުމަކީ، ގައުމީ ސަލާމަތަށްވުރެ މަތިން ހިނގާނެ ކަމެއް ނޫންކަމަށްވެސް ރަނީލް ވަނީ ވިދާޅުވެފައެވެ.