އާދީއްތަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން މިއަދަކީ ގައުމީ ފެންވަރުގައި ހިތާމަފާޅުކުރާ ދުވަހެއް ކަމުގައި ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ހަމަޖައްސަވާ، އެކަން ތަންފީޒުކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މިވަގުތު ސްރީލަންކާއަށް ބޭނުންވާ ބައިނަލްއަގުވާމީ ހޯއްދެއްވުމަށް، މިއަދުގެ ވަގުތެއްގައި ބޭރުގެ ޑިޕްލޮމެޓުންނާވެސް ސިރިސޭނާ ބައްދަލުކުރައްވާނެއެވެ.
ރޭ ދަންވަރުން ފެށިގެން ސްރީލަންކާގައި ގައުމީ ކުށްލި ނުރައްކަލުގެ ހާލަތު ތަންފީޒުކުރަން ފަށާފައިވާއިރު، ސިރިސޭނާ ވަނީ އެގައުމުގެ އަސްކަރިއްޔާއަށް ހާއްސަ ބާރުތަކަކާ އިމްތިޔާޒުތަކެއް ދެއްވާފައެވެ. އެގޮތުން ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް، ބަންދުގައި ބޭތިއްބުން ފަދަ ބާރުތައް މިހާރު ވަނީ ހަމައެކަނި އަސްކަރިއްޔާގެ އަތްމައްޗަށް ދޫކޮށްލެވިފައެވެ. މިފަދަ ބާރުތަކެއް ސްރީލަންކާގެ އަސްކަރިއްޔާއަށް މީގެ ކުރިން ދީފައި އޮތީ އެގައުމުގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރުއެވެ. ހަނގުރާމަ ނިމުމާއެކު އެ ބާރުތައް ވަނީ އަސްކަރިއްޔާގެ އަތުން އަތުލާފައެވެ.
އަސްކަރިއްޔާއަށް ބާރުތައް ދޫކޮށްފައިވާނީ "ޓެރަރިޒަމް"އާއި ގުޅުންހުރި ކަންކަމުގައި ކަމަށާ، މިއީ އެއްވެސް ހާލެއްގައި ހިޔާލުފާޅުކުރުމަށް އެޅޭނެ ހުރަހެއް ނޫންކަމަށް ސިރިސޭނާގެ މީޑިއާ ޔުނިޓުންވަނީ ބުނެފައެވެ.
އާދީއްތަ ދުވަހުގެ ހަމަލާތަކުގައި މަރުވި ބިދޭސީންގެ ތެރެއިން 31 މީހަކީ ކޮން ބައެއްކަން ދެނެގަނެވިފައިވާކަމަށާ، 14 މީހަކަށް ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު އެމީހުންނަކީވެސް މަރުވެފައިވާ ބަޔަކަށްވުމުގެ ބިރު އެބައޮތް ކަމަށް ސްރީލަންކާގެ ހާރިޖިއްޔާއިންވަނީ ބުނެފައެވެ.
އާދީއްތަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކުގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 300 އަށްވުރެ މައްޗަށް އަރާފައިވާ އިރު، 500 އަށްވުރެ ގިނަ މީހުންނަށް ވަނީ ޖިސްމާނީ އަނިޔާތަކެއް ލިބިފައެވެ.
އާދީއްތަ ދުވަހުގެ ހަމަލާގައި ފުރާނަ ގެއްލިދިޔަ ގިނަ އަދަދެއްގެ މީހުންގެ ޖަނާޒާ މިއަދު ހެނދުނު ވަނީ ކުރިއަށް ގެންގޮސްފައެވެ.