ޓެރަރިޒަމްގެ ބާރަކީ އައި.އީ.ޑީ ކަމަށާ ޑިމޮކްރަސީގެ ބާރަކީ ވޯޓުލާ މީހުންގެ އަތުގައި އޮންނަ އައި.ޑީ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި ވަނީ، އިންޑިއާގައި މިހާރު ކުރިއަށްދާ އާންމު އިންތިހާބުގެ 3 ވަނަ މަރުހަލާގައި ގުޖުރާތުގެ އަހުމަދުއާބާދުގައި މިއަދު ހެނދުނު ވޯޓު ދެއްވުމަށްފަހުގައެވެ.

މީޑިއާއާއި ވާހަކަފުޅުދައްކަވަމުން މޯދީ ވިދާޅުވީ، ވޯޓުލާ މީހުންގެ އަތުގައި އޮންނަ އައި.ޑީއަކީ މާ ބާރުގަދަ އެއްޗެއް ކަމުގައި ގަބޫލުކުރައްވާ ކަމަށާ، މިކަމަކީ ރައްޔިތުންނަށް ލިބިފައިވާ ބާރުގެ ރަމްޒެއް ކަމަށެވެ.

އާންމުކޮށް ދަތުރުފުޅުކުރައްވާ ވަޒަންނާރާ ކާރުކޮޅުގެ ބަދަލުގައި، ވޯޓުލެއްވުމަށް މޯދީ ވަޑައިގެންނެވީ މަތި ހާމައަށް އޮންނަ ޖިޕެއްގައި، މަޑުދުވެޔެއްގައި ދުއްވާލައްވާފައެވެ. ބޮޑީގާޑުންނާއެކު އާންމުންގެ ތެރެއަށް ނިކުމެވަޑައިގެން، ގިނަ ވަގުތަކެއް އާންމުންނަށް ހަނާއަޅާ އެޅުއްވުމުގައި މޯދީ ހޭދަކުރެއްވި ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މޯދީގެ އަރިހުގައި ވޯޓުލާ މަރުކަޒަށް ވަޑައިގަތީ ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ރައީސް އަމީތު ޝާހްއާއި އޭނާގެ އާއިލާއެވެ. މޯދީ ވަނީ އަމީތަށް ކާފަވިދާޅުވާ ބޭފުޅަކު އުރާލައްވައިގެން ހުންނަވާ، އާންމުންނަށް ހަނާއަޅުއްވާ، ގިނަ ބައެއްގެ ސަމާލުކަން ހޯއްދަވާފައެވެ. އަދި ވޯޓުލެއްވުމަށްފަހު ގިނަ ބައެއްގެ މެދުގައި އާންމުވެފައިވާ "އިނގިލިދައްކާލުމުގެ ސަގާފަތުގައި"ވެސް މޯދީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.