ސްރީލަންކާގެ އެކި ހިސާބުތަކަށް ބޮމުގެ ހަމަލާތަކެއް އަމާޒުވުމުގެ ނުރައްކާ އެބައޮތް ކަމަށް ލިބުނު ޖާސޫސީ މައުލޫމާތު، ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފައި ވާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއާއި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ތިއްބަވާ އޮފިޝަލުންތަކަކާ ހަވާލާދީ އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ސްރީލަންކާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގެ އިމާރާތްވެސް ހިމެނޭ ގޮތަށް ބޮމުގެ ހަމަލާތަކެއް އަމާޒުވުމުގެ ނުރައްކާ އެބައޮތް ކަމުގެ އިންޒާރު، ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކާ އިންޑިއާއިން ހިއްސާކުރީ މި ހިނގާ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ.
މިއާއެކު، ސްރީލަންކާގެ ސަލާމަތީ ބާރުތަކުގެ ގާބިލިއްޔަތު ކަމާމެދު ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.
ސްރީލަންކާއަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު، ބައިނަލްއަގުވާމީ ޖާސޫސީ އިދާރާތަކުން ސްރީލަންކާ ސަރުކާރާ ހިއްސާކޮށްފައި ވާކަމަށާ، އެކަމެއް ހިނގާފައިވަނީ އޭޕްރިލް 4 ވަނަ ދުވަހުކަން ސްރީލަންކާގެ ސިއްހަތާ ބެހޭ ވަޒީރު ރަޖީތާ ސެނެރަތުނަ ވަނީ މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އެފަދަ މައުލޫމާތެއް ލިބިވަޑައިގެންނެވި ތަނެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ސްރީލަންކާގައި ހަރަކާތްތެރިވާ ދީނީ ގޮތުން ހައްދުފަހަނައަޅާ ފައިވާ ހަރުކަށި ފިކުރުގެ ނޭޝަނަލް ތައުހީދު ޖަމާއަތުގެ ލީޑަރު، ޒަހްރާން ހާޝިމުގެ ހަމަލާތަކެއް އަމާޒުވެދާނެ ކަމަށް ބުނެ ސްރީލަންކާގެ ކަމާ ބެހޭ އިސް ފަރާތްތަކަށް އޭޕްރިލް 11 ވަނަ ދުވަހު އިންޒާރުގެ ސިޓީތަކެއްވެސް ފޮނުވާފައި ވާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އާދީއްތަ ދުވަހުގެ ބޮމުގެ ހަމަލާތަކާ ގުޅިގެން ތުހުމަތުގެ އިނގިލި އަމާޒުވެފައި ވަނީވެސް އެ ޖަމާއަތަށެވެ. ނަމަވެސް މި ހަމަލާގެ ޒިންމާ ރަސްމީކޮށް އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. މި ހަމަލާތަކާ ގުޅިގެން މިހާތަނަށް 30 މީހަކު ހައްޔަރުކޮށްފައި ވާއިރު، އިތުރު ހަމަލާތަކެއް ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތަކުން އަޅަނީ ކޮންކޮން ފިޔަވަޅުތަކެއްތޯ މީޑިއާއިން ކުރި ސުވާލަށް ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ޖަވާބުދާރީ ވެފައި ނުވާކަމަށްވެސް އިންޑިއާގެ ޚަބަރުތައް ބުނެއެވެ.