އިންޑިއާގައި މިއަދު ކުރިއަށް ދާ އެގައުމުގެ އާންމު އިންތިހާބުގެ 3 ވަނަ މަރުހަލާގައި، ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވޯޓު ދެއްވައިފިއެވެ.

މޯދީ ވޯޓު ދެއްވާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު، އިންޑިއާ ގަޑިން 08:30 ހާއިރުއެވެ. އަހުމަދުއާބާދުގައި މޯދީ ވޯޓު ދެއްވިއިރު، އަރިހުގައި ވަޑައިގަތީ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ޗީފް އަހުމަދު ޝަހުއެވެ.

3 ވަނަ މަރުހަލާއަކީ އިންޑިއާގެ އާންމު އިންތިހާބުގައި އެންމެ ނޭވާ ހިފަހައްޓާލަންޖެހޭ މަރުހަލާއެވެ. މި މަރުހަލާގައި ވޯޓުލާ ސަރަހައްދުތަކުގެ ތެރޭގައި މިހާރުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ އުފަން ވަޒަން ކަމަށްވާ ގުޖުރާތާ، ބޮޑުވަޒީރު ކަމަށް ވާދަކުރައްވަމުން ގެންދަވާ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ނިސްބަތްވެވަޑައިގަންނަވާ ދެކުނު ކެރެލާ ސްޓޭޓް ހިމެނެއެވެ.

މިއަދުގެ ވޯޓުގައި ގާނޫނު ހަދާ މަޖިލީހުގެ 117 ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރުމަށް 13 ސްޓޭޓަކާ 2 ޔޫނިއަން ޓެރިޓަރީއަކުން ވޯޓުލާނެއެވެ. މިއާއެކު 543 ގޮނޑީގެ މައްޗަށް އެކުލެވޭ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ދެބައިކުޅަ އެއްބައި ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރެވިގެންދާނެއެވެ.

އަންގާރަ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، 3 ވަނަ މަރުހަލާގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 188 މިލިއަން މީހުން ވަނީ ދަފުތަރުކޮށްފައެވެ.

އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެންމެ ފަހު މަރުހަލާގެ ވޯޓުލުން އަންނަ މެއި މަހުގެ 19 ވަނަ ދުވަހު ކުރިއަށް ގެންދާއިރު، ވަގުތީ ނަތީޖާ ލިބޭވަރު ވާނީ މެއި މަހުގެ 23 ވަނަ ދުވަހުއެވެ. އިންޑިއާގެ އާންމު އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދު 900 މިލިއަނަށް ވުރެ މައްޗަށް އަރާއިރު، މިއީ މުޅި ދުނިޔޭގައިވެސް ހިންގާ އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތުގެ ގޮތުގައި ދަނީ ސިފަކުރަމުންނެވެ.